19 April 2010

އެތިސްޓުންގެ ކަލާނގެ

ސުރުހީއަށް ބަލާލުމުން މީހެއްގެ ހިތުގައި ސުވާލުތަކެއް އުފެދޭނެކަން ކަށަވަރެވެ. އެހެނީ އެތިސްޓުންނަކީ ކަލަކު ވޮޑިގެންވާކަމަށް އިންކަރުކުރާ ބައެކެވެ. ދެން އެމީހުންގެ ކޮން ކަލާނގެއެއްބާއެވެ. އެހައް ފުރަތަމަ ކަލާނގެގެ މަނައަކީ ކޮބައިތޯ ބަލާލަމަ ހިނގާށެވެ. ކަލާނގެ ނުވަތަ އިނގިރޭސިންނަމަ ގޮޑްގެ މާނައަކީ އާދަޔާ ހިލާފުބާރުތަކެއް (އެހެން އެއްވެސް އެއްޗަކަށް ލިބިފައިނުވަފަދަ ބާރުތަކެއް) ލިބިގެންވާ ކާއިނާތުގެ ތަޤްދީރު ބަދަލުކޮއްލެވޭ މީހެއްނުވަތަ އެއްޗެކެވެ. އަދި އެއެއްޗަކަށް އަޅުކަން ކުރަން ނުވަތަ އަޅުވެތިވާން ޖެހޭ އެއްޗެކެވެ. އެހެންވިއްޔާ އެތިސްޓުންގެ ކަލާނގެއަކީ ކޮބައިތޯއެވެ؟

ޝައްކެއްނެތެވެ. އެތިސްޓުންނަކީ އެފަދަބާރެއްނެތޭ ކިޔާ ދައުވާކުރާ ބައެކެވެ. އެކަމަކު އެބައިމީހުންނާ ނިކަން ސުވާލުކޮއްލަބާށެވެ. ކާއިނާތް މި އޮތްގޮތައް ގޮވުމަކުން ކަލަކުނުވެ އުފެދިދާނެހެއްޔެވެ. އެމީހުން ބުނާނެއެވެ. އާއެކެވެ. ދެން ސުވާލު ކުރާށެވެ. ބާކާރުތަކެއްގެ މައްޗަށް ބޮމެއްވައްޓާލުމުން އެންމެފަހުގެ މަޒްދާ ކާރެއް އުފެދޭނެހެއްޔެވެ. އެމީހުން ބުނާނެއެވެ. އާއެކެވެ. "އިޓް ޖަސް ނީޑްސް ޓައިމް" އެވެ. ދެން ސުވާލުކުރާށެވެ. ދިރޭ ތަކެތީގައި މިހުންނަ ޕޮރޮޓީންސް ވެސް ހަމަ މިފަދައިން އޭގެ މިސާލަކާނުލާ އަމިއްލަ އަށް އުފެދޭނެހެއްޔެވެ؟ އެމީހުން ބުނާނެއެވެ. އާއެކެވެ. ކެތްތެރި ވާށެވެ. މަޑުމަޑުން އެތައް މިލިޔަން އަހަރަކުން އުފެދުމަކީ އެކަށީގެންވާކަމެކެވެ. ދެން ސުވާލުކުރާށެވެ. މަކުނު އިންސާނުންނަށް ވެސް ވެދާނެހެއްޔެވެ. އެމީހުން ބުނާނެއެވެ. އާއެކެވެ. ވަގުތުދޭށެވެ. މަޑުމަޑުން އިވޯލްވް ވެދާނެއެވެ. މިހުރިހާ ސުވާލުގެ ޖަވާބުތަކަކީ ހަމަ އެތީސްޓުންގެ ޖަވާބެވެ. ވިސްނާލުމުން މި އަގީދާ ބަލިކަށި މީހުންގެ ބަލިކަށި ކަލަކީ ކޮބައިކަން އެނގިލައްވާނެއެވެ. އެއީ ވަގުތެވެ. ކޮންމެ ކަމަކަސް ހެވެވެ، ވަގުތު އެކަން އޭގެ ލަސްކަމާއި އެކު މިލިޔަން ބިލިޔަން އަހަރުން ކުރާނެޔޯލައެވެ.
ދެން މި ބާތިލް އަޤީދާގެ ބައެއް މިސާލުތަކަށް ބަލާލަމާ ހެއްޔެވެ. ފުރަތަމަ ބިގްބޭންގް ތިއަރީއެވެ.
ދެން ދެނެގަންނާށެވެ. ބިގްބޭންގް އިން މި ޔުނިވާސް އުފެދިފައިވާލެއް ވަރަށް ފުރިހަމައެވެ. އެކަމަކު ދަންނާށެވެ. އެއްވެސް ގޮވުމެއް އިތުރުއެއްޗެއް ނުއުފައްދާކަމީ އެންމެ ކުޑަކުއްޖާއައްވެސް އެނގޭނެކަމެކެވެ. އެހެންނުނީ އަމިއްލައަށް ޖާނުން ފިދާވެގެން އެދޭ ހަމަލަތައް ހުއްޓުވަން އުޅުމުގެ އެއްވެސް މާނައެއްނެތެވެ. އެވަރަށް ޖާނުން ފިދާވާއިރުވެސް ތަންތަން ގޮވާއިރުވެސް ވޯލްޑް ޓްރޭޑް ސެންޓަރ ގޮވިއިރުވެސް އެންމެ ފަހަރަކުވެސް އިތުރު ރަނގަޅު އެއްޗެއް އުފެދުނުތޯއެވެ. ނޫނެކެވެ. ވުމާއި މި ބިގްބޭންގްއިން ތަކެތި އުފެއްދެވުމަށް ކުޅަދުންވަންތަ ކަލަކު ވުމަށް ލާޒިމްކުރެއެވެ.
ދެން ބިގް ބޭންގްއިން އުފެދިފައިވާ މި ދުނިޔޭގެ ފުރިހަމަ ކަމަށް ލޯހިނގާލަމާހެއްޔެވެ. މިދުނިޔޭގެ ކޮންމެކަމަކީ ބިގް ބޭންގްއިން ކަލަކުނުވެ ޔުނިވާސް ނުއުފެދޭނެކަމަށް ދަލީލުކުރާ ކަންކަމެވެ. އެނގިލައްވާ ތޯއެވެ. މިދުނިޔެއާއި އިރާ ދުރުމިން މިއައްވުރެއް ކައިރީގައިވީނަމަ މިދުނިޔެ ހޫނުކަމުން އެއްވެސް ދިރުމަކައް މިތަނުގައި ކެތެއް ނުވެނުނީސް އެވެ. އަދި މިޔަށް ވުރެ ދުރުގައި ވީނަމަ ފިނިކަމުން އެއްވެސް ދިރުމަކަށް ކެތެއް ނުވީސްއެވެ. މިދުނިޔޭގެ ފިނިހޫނުމިނަކީ ގޮވުމަކުން ލިބުން ނާދިރު ކަމެކެވެ.
ދެން މިދުނިޔޭ އިރުވަށާ ދަތުރުކުރުމާއި އޭގެ ދުވަސް ބަދަލުވުމުގެ ވަގުތާއި ދުނިޔެއަށް ކަތިވެފައިވާ ހާއްސަ ޑިގްރީއަށް ބަލާލުމުންވެސް މިއިން އެއްކަމަކުން އުނިވި ކަމުގައި ވީނަމަވެސް މިތަނުގައި ދިރުންވުމަކީ ނާދިރުކަމެކެވެ. މިހުރިހާކަމެއްވެސް ހަމަ ލިބުނީ އެގޮވުމުން ކަލަކާއި ނުލައިހެއްޔެވެ؟
ދުނިޔޭގެ ވަށައިގެންލެވިފައިވާ ދަގައްފާނީ ބާރާއި އޯޒޯން ފަށަލައަކީވެސް އޭގެ ޒާތުގައި ވާގޮތް ނޫންގޮތަކަށް ވާ އެއްޗެއްކަމުގައި ވަނީ ނަމަ މިދުނިޔެއައް އެތިސްޓަކަށްވެސް ނޭވާލުމުގެ ކުޅަދާނަކަމެއް ނުލިބުނީހެވެ. އެޔައްފަހު ދުނިޔޭގެ ބަރުމިނަށާއި އޭގެ ބޮޑުމިނައްބަލާލާށެވެ. މިބަރުމިން މިއަށްވުރެ ބަރުވެ ގްރެވިޓީ މިއަށްވުރެ އިތުރުވިނަމަ ހިނގާބިނގާވެ އުޅުން ހީނުކުރަހާ ދަތިވީސްއެވެ. މިޔައްވުރެ ލުއިވީނަމަ މި ބިންމަތީ ގެދޮރު ބިނާކުރުމަކީ ފަސޭހަކަމަކަށް ނުވީހެވެ.
އަދިވެސް އިތުރު ހެއްކިތަކެވެ. ނަމަވެސް މިހިސާބުން ފުއްދާލަމާހެއްޔެވެ. މިކަންކަމަށް އެކަނި ވިސްނާލިޔަސް މި ހުރިހާކަމަކީވެސް ހަމަ ވަގުތައް އޭގެ ޒާތުގައި ލަސްލަހުން ހިނގަމުން ހިނގަމުން ގޮސް ފުރިހަމަކޮށް ނިންމޭނޭ ކަންކަންހެއްޔެވެ.
ދެން މިއަގީދާގެ އެންމެ ބާރުގަދަ "ތިއަރީ" އެވެ. ފެކްޓެއްވެސް ނޫނެވެ. ހަމަ އެކަނި ތިއަރީއެކެވެ. އިވޮލިޔުޝަން ތިއަރީއެވެ. މިއީ ދިރޭ ތަކެތި އެއް ބާވަތުން (ސްޕީސީސް) އިން އަނެއް ބާވަތައް ބަދަލުވުމުގެ ތިއަރީއެވެ. މީގައި ބުނާގޮތުންނަމަ އަހަރެމެން އިންސާނުންނަކީވެސް އަދި މިހާރު ދުނިޔޭގައިވާ ކޮމްޕްލެކްސް ލައިފްތަކަކީ އެއަށްވުރެ ނިޒާމްތަކުގެ ގޮތުން ދައް ދިރުން ތަކަކުން އިވޯލްވެފައި ދިރޭތަކެއްޗެވެ. މިއީ ތާކުންތާކުން ނުޖެހޭ ތިއަރީއެކެވެ. މީގެ ހެކިތައް ބައިވަރެވެ. ފުރަތަމަ ބަލާލަމާ ހެއްޔެވެ. ދޫނި އުދުހެންފެށީ އެ އުދުހެން ބޭނުންވެގެން އުޅެއުޅެ މަޑުމަޑުން ކުޑަ ދެފިޔަފަޅާ އެ ދެފިޔަ ދިގުވެ އެންމެފަހުން އުދުހުނީޔޯލައެވެ. ދެން ވިސްނާލާށެވެ. އެބައިމީހުން ބުނާ ގޮތުން ނަމަވެސް އެއްޗެހި އިވޯލްވަނީ އެމާހައުލެއްގައި ދިރިއުޅެން ފަސޭހައަށް ކަމަށް ވީހިނދު ދޫނީގެ މި ފުރަތަމަ ކުޑަ ފިޔަ ފެޅުމުން އެއެއްޗައްވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯއެވެ. ހަމަ ގައިމުވެސް ކުރާނީ ގެއްލުމެވެ. އެއީ އުދުހުމަށް ބޭނުންނުކުރެވޭ ހާލު ބާރަށް ދުވަން އުނދަގުލަކަށްވާނެއެވެ. ދެން އެއަށް އެންމެ ފައިދާކުރާނީ އެފެޅި ފިޔަ އިތުރަށް ދިގުނުވެ ކުރުވެ ނެތުނިއްޔާ ނޫންތޯއެވެ؟ ދެން އެފިޔަލާ އުދުހެނީ ކީއްވެތޯއެވެ؟ ހަމަ އެފަދައިން އޭގެ ބިންމަތީ ދުވަނިކޮށް ލުއިވެ އުދުހުމަށް ތައްޔާރުވުން ވެސް ހަމަ މިފަދައެވެ. ކަށިތައް ލުއިވެ ބަލިކަށިވުމަކީ އެއެއްޗެއްގެ ބަލިފައެވެ. ނަމަވެސް ހަމަ މިމީހުން ބުނެއެވެ. ވަގުތޯއެވެ. ވަގުތުންވެސް މިކަންކަމެއްނުވާނެވެ. އެހެންނޫންނަމަ އެ އުދުހުމަށް ވުރެ ގާތީ އެއްޗެހި މަރުވެ ދުނިޔެއިން ހުސްވުމާއެވެ.
ދެން މިތިއަރީގެ އުފެއްދުންތެރިޔާ ވެސް އާދެ ޑާރވިސްވެސް އޭނާގެ ތިއަރީއަކީ އިންޓަރމީޑިއަޓް (ދެމެދުގައިވާ) ފޮސިލް އެއް ނުފެންނަނަމަ ގަބޫލު ނުކުރެވޭނެ ތިއަރީއެއްކަންވެސް އެއްބަސްވެއެވެ. މިހާތަނަށް 350 މިލިއަނަށްވުރެ ގިނަ ފޮސިލްވަނީ ބިމުންނަގާފައެވެ. ނަމަވެސް އެންމެ އިންޓަރމީޑިއަޓް ފޮސިލްއެއްވެސް ފެންނާކަށްނެތެވެ. ބައެއް ފޮސިލްސް މިމީހުންވަނީ އަތުން ގޮތްގޮތައް ހަދާ މިތިއަރީ މީހުން ގަބޫލު ކުރޭތޯވެސް ވަނީ މަސައްކަތްކޮއްފައެވެ. އަދި އަނެއްބައި އެއްޗެހި ނަގާ މިއީ އިންޓަރމީޑިއަޓް ފޯމްއެކޭ ބުނާއިރު އޭގެ މިލިއަން އަހަރުފަހުން ވެސް ހަމަ ތަފާތެއް ނެތްގޮތައް އެތަކެތި ދިރިއުޅެމުންދާކަން އެނގިތިބެވެސް އޮޅުވައިލައި އެތަކެތި ހެކީގެ ގޮތުގައި ބޭނުންކުރަމުންދާ ކަމީ ބަލާމީހަކަށް ސާފުކޮށް އިނގޭނޭ ކަންކަމެވެ. މީގެ ތެދު ދޮގުބަލާލުމަށް ތިރީގައިވާ ސައިޓައް ޒިޔާރަތް ކޮއްލައްވާ ރަނގަޅައް ބައްލަވާ ލައްވާށެވެ.
http://www.harunyahya.com/
އެތައް ޒަމާނަކުން ބަދަލުވާ އެއްޗެއްނަމަ ފޮސިލްވެސް ވަރަށް ގިނަވީސްކަން ކަށަވަރެވެ. ނުވިތާކަށް މިހާރު ދުނިޔޭގަވެސް އެ އިނޓަރމީޑިއަޓް ދިރުންތައް އަހަރެމެން މިދެކޭތަކެތި ފަދައިން ފެންނާނެއެވެ. ނަމަވެސް މިއިން އެއްވެސްކަމެއް ނުވެއެވެ. އެހެންކަމުން އަދިވެސް މިއީ ހަމަތިއަރީއެކެވެ. ސައިންސްގެ އިތުރު ފެކްޓްތަކާއި ތައާރުޒުވާ ބޭކާރު ތިއަރީއެކެވެ. އަދި މި ތިއަރީ އޮންނާނީވެސް ވަގުތު ދެމިގެންދިޔަސް އިވޯލްވްނުވެ ހަމަ ތިއަރީއެއްގޮތުގައެވެ. ދުވަހަކުވެސް ފެކްޓަކަށް ނުވާނެއެވެ.
އިސްވެދިޔަ ހުރިހާކަމަކުންވެސް އެނގެނީ ކަލަކުވޮޑިގެންވާކަމާއި ވަގުތު ކިތަންމެވަރަށް ދިނަސް އަމިއްލައަކަށް މިފަދަ ކަންކަމީ ނުވާނެކަމެއްކަމެވެ. ފްރޮބަބްލިޓީގައި އެއްބައިކުޅަ ޖަހާފައި ދެން އެކެއްޖަހާފައި ވިއްސަކަށް ތިރީހަކަށް ސުމެއްޖެހީމަވެސް މިމީހުން މިބުނަނީ އެކެއް އެކަން ވުމަށް ދަލީލުކުރާކަމެވެ. ވިސްނާށެވެ. މިއެކެއް އިނުމަކުން އެކަމެއްނުވާނެއެވެ. ބަދަލުގައި ސުމެއްވެސް މާރަނގަޅުވާނެއެވެ. އެހެނީ އެކަންކަމީ ހިސާބުންދެއްކިޔަސް ވާނެ ކަމެއްނޫނޭވެ. ކުރިން ބުނިހެން ކާރުތައެއް އެއްކޮށް އެމައްޗައް ބޮންއެޅުމުގައި 15 ބިލިއަން އަހަރުވިޔަސް ހަމަ ރަނގަޅު މޮޅުކާރެއް ނޫފެދޭނެއެވެ. ވީމާ މި ބަލިކަށި އަގީދާއަކީ ބާތިލް އަގީދާއެކެވެ.
މާތް ﷲ ވަހީ ކުރެއްވިއެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ ﷲ އެވެ. ﷲ އީ، އެންމެހަ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް އެކަލާނގެ ބޭނުންވެ ވޮޑިގެންނުވާ ރަސްކަލާނގެއެވެ. އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެއެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެ ވޮޑިގެނެއް ނުމެވޭމެއެވެ. އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކައްޗެއްވެސް ނުވެއެވެ". (އިޚްލާސް ސޫރަތުގެ މާނަ)

No comments:

Post a Comment