21 April 2010

ފުރިހަމަ ޖަވާބެއް

ހުސައިން އަފީފު


ހިޝާމް ބުން އަބްދުލް މާލިކުގެ ހިލާފަތުގައި އެއް އަހަރަކު އެކަލޭގެފާނު ހައްޖައްވަޑައިގަތެވެ. އަދި ސަހާބީއަކާއި ބައްދަލުކުރުމައް ބޭނުންވެ ވަޑައިގެން ދެންނެވުމުން ސަހާބީންގެ ދައުރު ނިމި ހިނގައްޖެކަމައް މީސްތަކުން ބުންޏެވެ. އެހިނދު ތާބިއީ ބޭކަލަކާ ބައްދަލު ކުރެއްވުމައް ހިތުލައި އެކަމަށް އެދުމުން ތަވުސުލް ޔަމަނީއޭ ކިޔުނު ތާބިޢީ ބޭކަލަކު ގެނެވުނެވެ. އެކަލޭގެފާނު އައިސް ފައިވާން ޖޯޑްކޮޅު ދޫލައިގެ ކަނެއްގައި ބެހެއްޓުމައްފަހު ވަނެވެ. އެކަލޭގެފާނުގެ ތައާރަފުވެލެއްވުން ވީ ރަސްރަސްކަލުންނަށް އާއްމުކޮއް ބައްދަލުވެ އުޅޭ އުސޫލުތަކާއި ވަރަށް ހިލާފު ބައްދަލުވުމަކަށެވެ. ވަރަށްވެސް އާދައިގެ ބައްދަލުވުމެކެވެ. "އައްސަލާމް އަލައިކަ" ކަލެޔައް ސަލާމަތްކަން ހުއްޓެވެ. އަދި ވާހަކަފުޅު ދެއްކެވުމުގައިވެސް ރަސްކަލުންނާ ވާހަކަ ދައްކާ އުސޫލާއި ވަރަށް ތަފާތެވެ. ދަރިންނަށް ނިސްބަތްކޮށް ނަން ގަތުމުގެ ބަދަލުގައި ހަމަ އެކަނި ހިޝާމް އޭ ކިޔާ ނަންގަތެވެ.

މިހެން ކަންތައްތައް ހިނގުމުން ހަލީފާ ވަރަށް ނުރުހިވަޑައިގެން އެފަދައިން ކަންތައްތައް ކުރެއްވީ ކީއްވެތޯ ސުވާލުކުރިއެވެ. އެކަލޭގެފާނު އެއްސެވެ. ތިމަން ކުރީ ކީއްތޯއެވެ. ދެން ހަލީފާ އެ ފައިވާން ބޭލިގޮތާއި ސަލާމްކުރިގޮތާއި ނަންބޭނުންކުރިގޮތައް އިޝާރާތް ކުރެއްވިއެވެ.
ދެން އެ ތާބިޢީ ވިދާޅުވިއެވެ. އަހަރެން ފައިވާން ބޭލިގޮތާއި މެދު ބުނަމެވެ. އެއީ ކޮންމެ ދުވަހަކު ފަސް ފަހަރު ތިމަންގެ ވެރިރަސްކަލާނގެއަށް ނަމާދުކުރުމުގެ ކުރިން ކުރާކަމެކެވެ. އެކަލާނގެ އެކަމަކާ އަޅައެއް ނުލައްވަތެވެ. އަދި ހަލީފާއަށް މުއުމިނުންގެ ވެރިޔާއޭ ނުބުނީ އެއީ ހުރިހާ މުއުމިނުން ކަލޭގެފާނާއި މެދު ހިތްހަމަޖެހިވަޑައެއް ނުގަންނަވައެވެ. އެހެންކަމުން އަހަރެން ދޮގު ހަދަން ނުރުންވަމެވެ. ދެން ކަލޭގެފާނަށް ދަރިންގެ ނަމުން ނިސްބަތްނުކުރީ މާތް ﷲ އެކަލާނގެ ފޮތުގައި އެކަލާނގެ ރަސޫލުންނަށްވެސް މުހާތަބު ކުރައްވަނީ އެހެންކަމަށް ވާތީއެވެ. އޭ ދާއޫދެވެ. އޭ ޔަހްޔާއެވެ. އޭ މޫސާއެވެ. އަދި އެކަލާނގެ ދުޝްމަނުންނަށް އެމީހުންގެ ދަރިންނަށް ނިސްބަތްކޮއްފައިވާތީއެވެ. މިސާލަކަށް އަބޫ ލަހަބުއެވެ.

1 comment:

  1. maasha allah nice blog keep up the good work brother may allah bless u

    ReplyDelete