22 April 2010

ރަލާއި ނުލާ ދިވެހި ރާއްޖެ...!

އަލް އަޚް ބިލާލު ޢަބްދުއްސައްތާރު

އެއްވެސް ޝައްކެއް ނެއްގޮތުގައި މާތް ވެގެންވާ އިސްލާމްދިނަކީ އެންމެ ފުރިހަމަ ވެގެންވާ ދީނެވެ. އެއްވެސް ކަމެއް އުނި ނުވާނޭ ގޮތުގެ މަތިން މި ދީނުގެ ވެރި އިލާހު ވަނީ އެއްމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މެދުވެރި ކުރައްވާ މިދީން ފުރިހަމަ ކޮށްދެއްވާފައެވެ. އަދި އެކަން ވަނީ އެއިލާހުގެ ކަލާމް ފުޅު ކަމުގައިވާ ކީރިތި ޤުރުއާނުގައި ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާން ކޮށްދެއްވާފައެވެ. ﷲ ތަޢާލާގެ ހަޟްރަތުގައި ޤަބޫލު ކުރެވިގެންވާ ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ. އަދި ހަމައެކަނި އިސްލާމް ދީން ދީނެއްގެ ގޮތުގައި ޤަބޫލު ނުކުރާ ހާލު އިންސާނާ މަރުވެއްޖެ ކަމުގައި ވާނަމަ އޭނާއަކަށް އެއްވެސް ކާމިޔާބެއް ނެތެވެ. އެފަދަ މީހަކު ވެގެންދަނީ ނަރަކައިގައި ދާއިމުވެ ތިބެންޖެހޭ މީހުންގެ ތެރެއިންނެވެ. ވީމާ އެދީނުގައި ކަނޑަޢެޅިފައިވާ އެންމެހާ ޙުކުމް ތައް އެއްވެސް ކަހަލަ ނުރުހުންތެރި ކަމެއްނެތި ޤަބޫލު ކުރަން ޖެހެއެވެ. އެދީނުގައި އެއްވެސް އުނިކަމެއް ނެތެވެ. އިންސާނަކު ދުނިޔެއަށް އުފަންވީއްސުރެ އޭނާ މަރުވަންދެން ދުނިޔޭގައި ހޭދަ ކުރަންޖެހޭނޭ އެންމެ ފުރިހަމަ އުސޫލު މާތްވެގެންވާ އިސްލާމް ދީނުގައި ވެއެވެ. މިކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. މިދީން އިންސާނާ މާތް ކުރިއެވެ. އިންސާނާ އަށް ރަޙްމު ކުރިއެވެ. ނަމަވެސް އެކަން ދަންނަނީ ވަރަށް މަދު ބަޔެކެވެ. ގިނަ ބަޔަކު ވަނީ ޣާފިލް ކަމެއްގެ ތެރޭގައެވެ. ދުނިޔެވީ މަދު ފައިދާ ކޮޅަކަށް އުޚްރަވީ ޙަޔާތް ވިއްކާލާފައެވެ.


ކޮންމެއަކަސް އިސްލާމީ ޝަރީޢަތަކީ މިއަދު ޤައުމު ތަކުގެ " ބޮޑުން" ވަރަށް ނުރުހޭ އެއްޗަކަށް މިވަނީ ވެފައެވެ. މިމީހުން އަމިއްލަޔަށް ހަދާ ޤާނޫނު ތައް ނުވަތަ ޤާނޫނު އަސާސީ އޭ މިކިޔާ "ސިޔާސީ ޕްލޭން " މާ ރަނގަޅުކަމަށް މިމީހުން ބުނަމުންދެއެވެ. ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ސިޔާސީ މަޖްލީހުގައި މިބައިމީހުންގެ ކަމަކަށް އޮންނަނީ "ރީތި ޢިބާރާތުން " އިސްލާމީ ޝަރީޢަތައް ފުރައްސާރަ ކުރުމެވެ. އިސްލާމީ ޝަރީޢަތް މިޒަމާނަށް ނުފެތޭ ކަމަށް ބުނެ ، ސީދާކޮށާއި ނުސީދާ ކޮށް އިސްލާމް ދީނާއިމެދު ހައްޤު ނޫން ބަސްތައް ބުނަމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނުކުރެވިގެން އުޅެނީ އެންމެ ކަމެކެވެ. އެއީ ރަލާއި އޫރުމަސް މުޅި ރާއްޖެ އަށް ފަތުރަން ކުރާ މަސައްކަތެވެ.އަދި ފައްޅި އަޅަން ކުރާ މަސައްކަތެވެ. މި ކަން ކަމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަންކަމެއްނޫނެވެ. އެހެންކަމުން މިބައިމީހުންގެ ރުޅި ދީނަށް ބާލަނިއެވެ.
ރަލަކީ އިންސާނާގެ ބުއްދި ފިލުވާލާ އެއްޗެކެވެ. އިންސާނާ އުފެއްދެވީ ﷲ ތަޢާލާ އެވެ. އިންސާނާ އަށް ބޭނުންވާ ކަންތަކާއި ބޭނުންނުވާނޭ ކަންތައްތައް ، އަދި އޭނާ އަށް ފައިދާ ހުރި ކަންތައްތަކާއި ގެއްލުން ހުރި ކަނތައްތައް އެ އިލާހު މޮޅަށް ދެނެވޮޑެގެންވެއެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރާ މުއުމިނަކު ، އޭނާގެ ޙަޔާތުގައި އެންމެ ހިނދުކޮޅަކުވެސް އެއިލާހުގެ ޒިކުރު ނުކުރެވޭ ހާލަތެއްގައި ހުރުމަކަށް އެއިލާހު ބޭނުންވެ ވޮޑި ނުގަންނަވައެވެ. އަދި 24 ގަޑި އިރުގެ ތެރެއިން އެންމެ ސިކުންތެއްވެސް ހަމަ ބުއްދީގައިި ނޫންގޮތަކަށް ހުރުމަކަށް އެއިލާހު ރުހިވޮޑި ނުގަނަންވައެވެ. އެހެންކަމުން ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ ގޮތަކަށް އެންމެ ހިނދުކޮޅެއްވެސް ހޭދަ ކުރުމަކަށް މުސްލިމަކު ނުރުހޭނެއެވެ. ރާ ހަރާމް ކުރެއްވީ ﷲ ތަޢާލާ އެވެ. ހަރާމް ވެގެންވަނީ މުސްލިމުންނަށެވެ.
ކޮންމެއަކަސް ރާ އާއްމުކުރަން މިއުޅޭ މަސައްކަތުގައި މިމީހުން ބުނަމުން އަންނަނީ ޓްއަރިޒަމް ކުރިއަރާނީ ފަސޭ ހައިން ރާ ލިބެން ހުރުމުން ކަމުގައެވެ. އެހެން ނޫނީ ޓްއަރިޒަމް އިދަ ޖެހިދާނެ ކަމުގައެވެ. ނުވަތަ ޓްއަރިސްޓުން ރާއްޖެ އަށް ނާންނާނެ ކަމުގައެވެ. މިއީ ދިވެހި ރައްޔިތުން ނަށް އޮޅުވާލަން ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަ ތަކެކެވެ. ނަމަވެސް ޙަޤީޤަތަކީ މިއީ ބަޔަކުމީހުންގެ އަމިއްލަ ، ފައިދާ އެއް ޙާސިލް ކުރުމަށް ދައްކަމުން އަންނަ ވާހަކަ ތަކެކެވެ. މީގެ ސަބަބުން ދުނިޔެވީ ގޮތުންވެސް އަދި އުޚްރަވީ ގޮތުންވެސް ދިވެހި ރައްޔިތުންނަކަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ.ސަބަބަކީ ﷲ ތަޢާލާ ޙަރާމްކުރެއްވި އެއްޗަކުން ކުރާނެ އެއްވެސް ފައިދާ އެއް ނޯންނާނެތީއެވެ.
މިހާރުވެސް ރާއްޖޭގެ ރެސޯޓް ތަކުން ޓްއަރިސްޓުންނަށް ބޭނުންވާ ރާ ލިބެއެވެ. އެމީހުން ރާ ނުލިބިގެން ޝަކުވާ އެއްނުކުރެއެވެ. ޝަކުވާ ކުރަނީ "އެހެން" ބަޔެކެވެ. ދިވެހި ރައްޔިތުން މިކަމާއި މެދު ވިސްނާށެވެ. ޓްއަރިސްޓުން ރާއްޖެ އަންނަނީ އެމީހުންގެ ޤައުމުން ރާ ނުލިބިގެން އެ ހޯދާކަށެއްނޫނެވެ. ދިވެހި ރާއްޖޭގެ ޤުދުރަތީ ރީތި ކަމުގެ ސަބަބުން އޭގެ ހިއްހަމަޖެހުން ހޯދާ، މި މަންޒަރުތައް ހަމަ ލޮލުން ދެކިލުމަށެވެ. އަހަރުތެރޭގައި ބުރަ މަސައްކަތުގައި ހޭދަ ކުރުމަށްފަހުގައި ، އާއިލާއާއި އެކު ޗުއްތީ ހޭދަ ކޮށްލުމަށްޓަކައެވެ. ދަންނާށެވެ.ދިވެހި ރާއްޖޭގެ ޓްއަރިޒަމް ދަށަކަށް ނުދެއެވެ. 2009 ވަނަ އަހަރުގެ ޖެނުއަރީ އާއި އަޅާ ބަލާއިރު 2010 ވަނަ އަހަރު ގެ ޖެނުއަރީގައި ޓްއަރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރި އަދަދު %9.7 އިތުރު ވެފައި ވެއެވެ. އަދި 2009 ވަނަ އަހަރުގެ މާޗް މަހާއި އަޅާ ބަލާއިރު މިއަހަރުގެ މި ނިމުނު މާޗް މަހުގައި ރާއްޖެ އަށް ޒިޔާރަތް ކުރި ޓްއަރިސްޓުންގެ އަދަދު %20.7 އިތުރު ވެފައި ވެއެވެ. އެހެން ކަމުން ޓްއަރިޒަމް ދައްވާތީ އޭކިޔާ ވާހަކަ ދެއްކޭކަށް ނެތެވެ. ދިވެހި ރާއްޖެ އަށް ލިބިފައި މިވާ ޤުދުރަތީ ރީތި ކަމަކީ ﷲ ތަޢާލާ ރަޙްމަތްފުޅުން ވަރަށް ބޮޑު ނިޢުމަތެކެވެ. މި ނިޢުމަތަށް ޝުކުރު ވެރި ވުމަށްޓަކައި ހެޔޮ ގޮތުގައި މީގެ ބޭނުން ހިފާށެވެ. ޙަރާމް ކަންތައްތައް ތަޢާރަފް ކުރުމަށް މި ވަސީލަތުގެ ބޭނުން ހިފަން ނުވިސްނާށެވެ. ރަލާއި ނުލައި ވެސް އެންމެ ފުރިހަމަ ގޮތުގައި ޓްއަރިޒަމް ހިންގިދާނެއެވެ.
އަޅުގަނޑުމެން އެންމެންނަކީވެސްވެސް ޤައުމުގެ ކުރިމަގާއި މެދު ވިސްނާކަމަށް ދަޢުވާ ކުރަމުއެވެ. އެހެން ކަމުން މިރަލުން ޤައުމު ސަލާމަތް ކުރެވޭނޭ ގޮތެއް ހޯދަން ވެއްޖެއެވެ. މިއީ އިންސާނުން ފަދަ ، ﷲ ތަޢާލާ ، މާތް ކުރައްވާ މަތިވެރި ކުރައްވާފައިވާ ބަޔަކަށް އެކަށީގެންވާ އެއްޗެއްނޫނެވެ. ސަބަބކީ މިއީ އިންސާނާގެ ބުއްދި ފިލުވާލާ އެއްޗެކެވެ. މި ތަކެއްޗަކީ ރެސޯޓް ތަކުގައި ޓްއަރިސްޓުންނަށް ޙާއްސަ ކުރެވިފައިވާ އެއްޗެއް ކަމުގައި ވިޔަސް ، މީގެ އިސްތިޢުމާލު ކުރާ ދިވެހިން މަދެއްނޫނެވެ. މިއީ އެންމެން ދަންނަ ކަމެކެވެ. އެހެން ކަމުން މުޅި ރާއްޖެ އަށް މީތި ނުފެތުރެނީސް އަޅުގަނޑުންމެން އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަދި ޙާއްސަކޮށް އަޅުގަނޑުމެންގެ ޅަ ޖީލު މިކަމުން ސަލާމަތް ކުރުމަށްޓަކައި ރަލުން ސަލާމަތް ވެފައިވާ ޤައުމަކަށް މިޤައުމު ހަދަން ވެއްޖެއެވެ. އެއްވެސް މިންވަރަކަށް ރާ އެތެރެ ނުކުރެވޭނޭ ގޮތެއް ހަދަން ވެއްޖެއެވެ.ސަރުކާރުން މިކަމަށް އިސްނެގުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރެސޯޓް ތަކުންވެސް ، ރާ ލިބެން ހުރެގެން ނުވާނެއެވެ. ސަބަބަކީ އިސްލާމް ދީނުގައި ޙަރާމް އެއްޗެއް ، އަދި އިންސާނާގެ ބުއްދި ފިލުވާލާ އެއްޗަކަށް މީތި ވާއިރު ، އަޅުގަނޑުމެންފަދަ އެހެން އިންސާނުންވެސް މި ރަލުން ދުރު ކުރެވޭތޯ މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމަކަށް ވާނެއެވެ. ދިވެހި ރާއްޖޭގެ ޓްއަރިޒަމް ބިނާ ވެފައި އޮންނަނީ ރަލުގެ މައްޗަކަށް ނޫނެވެ. ރާއްޖޭގެ ޤުދުރަތީ ރީތި ކަމުގެ މައްޗަށެވެ. އެހެން ކަމުން ރަލުގެ ބަދަލުގައި އެހެން ޕްރޮޑަކްޓެއް ތަޢާރަފް ކުރެވޭތޯ މަސައްކަތް ތަކެއް ނުކޮށްވާކަށް ނެތެވެ.
އެގޮތުން ، އަޅުގަނޑަށް މަޢުލޫމާތު ލިބޭ ގޮތުގައި ދިވެހި ރާއްޖެއިން އެންމެ އާންމުކޮށް މި ލިބޭ ކުރުނބާ ފެނަކީ ރާއްޖެ އަންނަ ޓްއަރިސްޓުންނަށް ވަރަށް ކަމުދާ އެއްޗެކެވެ. މިއީ ރާއްޖެ އިން ހުސްނުވާ ވަރަށް ލިބެން ހުންނަ އެއްޗެކެވެ. ވީމާ އަދުގެ ސަރުކާރުން އިސްނަގައިގެން ، މިކަމަށްޓަކައި މަސައްކަތް ތަކެއް ކުރުން މުހިއްމު ކަމަށް ފެނެއެވެ. މީގެ ބޭނުން ކޮށްގެން ހަލާލު ޕްރޮޑަކްޓެއް އުފެއްދިދާނެއެވެ. ރާއްޖޭގެ ފަޅު ރަށެއް މިކަމަށް ޙާއްސަ ކޮށްގެން ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ވަޒީފާ އަށް ހަމަޖައްސައި ، ހަމައެކަނި ކުރުނބާ ހެއްދުމަށް ޙާއްސަ ކުރެވިދާނެއެވެ. ދިވެހިންނަކީ ރުކަށް އެރުމަށްވެސް ވަރަށް ކުޅަދާނަ ބަޔެކެވެ. އޭރުން ވަޒީފާގެ ފުރުޞަތުތައްވެސް ގިނަވެގެންދާނެއެވެ. އާމްދަނީ އެންމެ އާދައިގެ މީހާއާ ހަމައަށްވެސް ބެހިގެން ދާނެއެވެ. ރާއްޖޭގެ ޕްރޮޑަކްޓިވިޓީ އިތުރުވެ ބޭރު ފައިސާ ވަންނަ އަދަދުވެސް އިތުރުވާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް ރަނގަޅު ފައިދާތަކެއް ކުރާނެއެވެ.
ދުޢާ އަކީ ބަނގުރަލުގެ ނުބައިކަމުން ﷲ ތަޢާލާ އަޅުގަނޑުމެންގެ މި ޤައުމު ސަލާމަތް ކޮށް ދެއްވުމެވެ.

No comments:

Post a Comment