24 April 2010

ކަންކަމާއި ކުރިމަތިލާނީ ރިވެތިގޮތުގައެވެ

ހުސައިން އަފީފު


މިފަހަރު މި ކިޔައިދެނީ ހަނަފީ މަޒްހަބުގެ އެންމެ މަޝްހޫރު އެއް އިލްމުވެރިއެއްކަމައްވާ އަލް އިމާމް އަބޫ ޔޫސުފްގެ ވާހަކައެކެވެ. އަބޫ ޔޫސުފުއަކީ އިސްލާމީ ތާރީޚްގެ ވާހަކަތައް އަޑުއަހާ މީހަކަށް އޮޅިފައިނުވާނޭހެން މަޝްހޫރު ޣާޒީއެއްވެސް މެއެވެ. އަދި އެއީ އަބޫ ހަނީފާގެ އެންމެ އިސް ދަރިވަރެވެ. ކުޑައިރު އަބޫ ޔޫސުފަކީ ވަރަށް ފަގީރު ދިރިއުޅުމެއް އުޅުއްވި ބޭފުޅެކެވެ. އަބޫ ހަނީފާގެ ކުލާސްތަކަށް ހާޒިރުވާތީ އެކަލޭގެފާނުގެ ބައްޕަ އެކަމާ ނުރުހިވަޑައިގެން ދުނިޔަވީ މަސައްކަތެއް ކުރުމަށް ވިޔަފާރި ސަރަހައްދައް ގޮސް އުޅުމަށް އަމުރު ކުރައްވައެވެ. ނަމަވެސް އަބޫ ހަނީފާ އަބޫ ޔޫސުފަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވައެވެ. ކުލާހަށް ވަޑައިނުގެންފިނަމަ އެކަމާ ނުރުހުންވެ ސަބަބު އައްސަވައެވެ.

އެއްދުވަހަކު އަބޫ ޔޫސުފު އެކަލޭގެފާނުގެ ބައްޕަގެ ވާހަކަ އަބޫ ހަނީފާ ކައިރީ ވިދާޅުވެދެއްވިއެވެ. އަބޫ ހަނީފާ އަބޫ ޔޫސުފުގެ ބައްޕަ ހާޒިރުކުރައްވައި އެއްސެވިއެވެ. "ތިބާގެ ދަރިފުޅު ދުވާލަކަށް ކިހާ ވަރެއްގެ އުޖޫރައެއް ހޯދާ ހެއްޔެވެ؟" ބައްޕަ ދެންނެވިއެވެ. "ދެ ދިރުހަމެވެ." ދެން އަބޫ ހަނީފާ ވިދާޅުވިއެވެ. ތިމަންނަ، ކަލޭގެ ދަރިފުޅު ކިޔަވަން ދޫކޮއްލާނޭ ނަމަ ދުވާލަކު ދެ ދިރުހަމް ދޭނަމަވެ."
މިގޮތުގެ މަތިން އަބޫ ޔޫސުފު އެކަލެގެފާނުގެ އުސްތާޛު ކައިރިން ކިޔަވަމުން ގޮސް ބޮޑުވެ ޒުވާނަކަށް ވީއިރު އެކަލޭގެފާނާއިއެކު ކިޔަވާ އެހެން ކުދިންގެ ތެރޭގައި ފާހަގަ ކޮއްލެވޭ ވަރަށް މޮޅުވިއެވެ. މިހެން ކަންކަން ވެފައިވަނިކޮށް އެއްފަހަރަކު އަބޫ ޔޫސުފަށް ވަރަށް ބޮޑު ބައްޔެއްޖެހި އެނދުމަތީ އޮންނަވަން ޖެހިވަޑައިގަތެވެ. އަބޫ ހަނީފާ އެގެޔަށް ޒިޔާރަތް ކުރައްވައި އަބޫ ޔޫސުފުގެ ދެރަހާލުކޮޅު ފެނިވަޑައިގަން އެކަމާ ދެރަފުޅުވިއެވެ. އަދި އެބަލީގެ ގަދަކަމުން އަބޫ ޔޫސުފު އަވަހާރަ ވެދާނެކަމަށް ބިރުފުޅުގަތެވެ. އަދި އަބޫ ޔުސުފުދޫކޮށް ދަމުން އެކަލޭގެފާނު އަމިއްލަ ނަފްސަށް ވިދާޅުވިއެވެ. "އޭ އަބޫ ޔޫސުފެވެ. އަހަންނަށް ފަހު މީސްތަކުންނަށް ކަލޭ ހިދުމަތް ކޮއްދޭނެ ކަމަށް އަހަރެން ކިހާ އުއްމީދެއް ކުރިން ހެއްޔެވެ!" އަބޫ ހަނީފާ އެދުވަހު ކުލާހަށް ވަޑައިގެންނެވި ގޮތް މީހުން ސިފަކުރަނީ ދެރަވެގެން ބިންމަތީ ފައިކާއްތަމުން ދާ މީހެއް ދިޔަފަދައިންނެވެ.
ދުވަސް ކޮޅެއްފަހެވެ. އަބޫ ޔޫސުފުގެ ބަލި ﷲގެ ރަހުމަތުން ރަނގަޅު ކުރައްވައިފިއެވެ. އެދުވަހު އެކަލޭގެފާނު ފެންވަރައި ތައްޔާރުވެގެން އުސްތާޛުގެ ކުލާހަށް ހާޒިރުވުމަށްޓަކައި ނުކުތްތަނުން އެކަލޭގެފާނުގެ އަވައްޓެރިން އެކަލޭގެފަނަށް ބުންޏެވެ. "ކޮންތާކަށްތޯއެވެ؟"
"އުސްތާޛުގެ ދަރުހަށެވެ." އަބޫ ޔޫސުފު ޖަވާބު ދެއްވިއެވެ.
އެބައިމީހުން ބުންޏެވެ. "އަދިވެސް ކަލޭގެފާނު ކިޔަވަނީ ތޯއެވެ؟ މިހާރު ކަލޭގެފާނު ކިޔަވާކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ކަލޭގެފާނާއި ބެހޭގޮތުން ޝޭހު ވިދާޅުވި ބަސްފުޅެއް ނާއްސަވަންތޯއެވެ؟"
"ޝޭހު ވިދާޅުވީ ކީކޭ ހެއްޔެވެ؟" އަބޫ ޔޫސުފް އެއްސެވިއެވެ.
އެބައިމީހުން ބުންޏެވެ. "ޝޭހު ވިދާޅުވިއެވެ. ' އަހަރެންނަށް ފަހު މީސްތަކުންނަށް ކަލޭގެފާނު ހިދުމަތް ކޮއްދެއްވާނެ ކަމަށް އަހަރެން އުއްމީދުކުރީމެވެ.' މާނައީ ކަލޭގެފާނަށް ޝޭހު ދެނެލައްވާ ހުރިހާ އެއްޗެއް އެނގިލައްވައެވެ. އަދި މިއަދު ޝޭހު މަރުވިނަމަވެސް ޝޭހުގެ ގޮނޑީގައި ކަލޭގެފާނު އިށީންދެވަޑައި ގަންނަވާނެއެވެ."
އެވަގުތު އަބޫ ޔޫސުފަށް އެކަލޭގެފާނުގެ ނަފްސާމެދު ހައިރާންވެ އުފަލުން މިސްކިތައް ވަޑައިގެންނެވިއެވެ. އަދި އަބޫ ހަނީފާގެ ކުލާސް (ކިޔަވައިދޭ ބުރު) މިސްކިތުގެ ކަނަކުން ފެނިވަޑައިގެން އަނެއް ކަނަށްގޮސް އިށީނދެވަޑައިގެން ކިޔަވައިދީ ފަތުވާ ދޭން ފައްޓަވައިފިއެވެ.
އެވަގުތު އަބޫ ހަނީފާއަށް އެ އާ ކުލާސް ފެނިވަޑައިގެން އެއްސެވެ. އެއީ ކާކުގެ ކުލާހެއް ހެއްޔެވެ؟ އެތާ ތިބި މީހުން ބުންޏެވެ. "އަބޫ ޔޫސުފުގެއެވެ."
"އޭނަގެ ބަލި ފަސޭހަވީހެއްޔެވެ؟" ޝައިހް އެއްސެވެ.
"އާދޭހެވެ." އެބައިމީހުން ޖަވާބުގައި ބުންޏެވެ.
އަބޫ ހަނީފާ ވިދާޅުވިއެވެ. "އޭނާ އަހަރެމެންގެ ކުލާހަށް ނައީ ކީއްވެހެއްޔެވެ؟"
އެބައިމީހުން ބުންޏެވެ. "އޭނާއަށް ކަލޭގެފާނު އޭނާއާ ބެހޭގޮތުން ބުނި ބަސްފުޅުގެ ހަބަރުދެވުނީއެވެ. އެހެންކަމުން ކަލޭގެފާނުގެ ކައިރިން އިތުރު އިލްމެއް ބޭނުންނުވާތީ މީސްތަކުންނަށް ކިޔަވައިދޭން ފެށީއެވެ."
އެހިނދު އަބޫ ހަނީފާ އެދަނޑިވަޅުގައި ހައްދަވާނޭ ގޮތެއް ވިސްނަނިކޮށް އަބޫ ޔޫސުފަށް ފިލާވަޅެއް ދަސްކޮއްދޭނެ ހިޔާލެއް ވިސްނިވަޑައިގަތެވެ. އެހިނދު އަބޫ ހަނީފާގެ ދަރިވަރަކަށް ވިދާޅުވިއެވެ. "އޭ މިވެނި މީހެއްގެ ދަރި މިވެނި މީހާއެވެ. އެތާނގައި އެއިން ޝައިހްގެ ކައިރިޔަށް ގޮސް ތިމަންގެ ސުވާލެއް އެބަ އޮތޭ ބުނާށެވެ. އެއިރުން އެނާ ވަރަށް އުފާވާނެތެވެ. އެހެނީ އޭނާ އެތާނގައި އެއިނީ މީހުން ސުވާލުކުރޭތޯއެވެ."
"އަދި އޭނާއަށް ސުވާލުކުރާށެވެ. 'މީހަކު، އޭނަގެ ގަމީސް ފަހާމީހަކަށް ކުރުކުރަން ދީފައި ދުވަސްކޮޅަކުން އެނބުރި ބަލައި އައުމުން އޭނާއަށް ގަމީހެއް ދިންކަމަށް އިދިކޮޅު ހެދިއެވެ. ދެން މިމީހާ ޕޮލިހަށް ގޮސް އެމައްސަލަ ޖައްސައި، ޕޮލިހުން އައިސް އެމީހާގެ ގަމީސް ހޯދައިދިނެވެ. ސުވާލަކީ ފަހާމީހާއަށް ގަމީސް ކުރު ކުރުމުގެ އުޖޫރަދޭންޖެހޭނެތޯ ނޫނީ ނޫންތޯއެވެ؟"
"އަދި އޭނާ އާނއެކޭ، އޭނައަށް ލިބެންޖެހޭނޭ ބުނެފިނަމަ ޖަވާބު ނުބައޭ ބުނާށެވެ. އަދި ނޫނެކޭ ލިބޭކަށް ނުޖެހޭނޭ ބުނެފިނަމަވެސް ޖަވާބު ނުބައިކަމަށް ބުނާށެވެ."
މި އުނދަގޫ ސުވާލު ދަސްވީތީ އުފަލުން އިނދެ މިދަރިވަރު އަބޫ ޔޫސުފުގެ ކުލާހަށް ގޮސް އިށީނދެފައި ބުންޏެވެ. "އޭ ޝައިހެވެ. އަޅުގަނޑުގެ ސުވާލެއް އެބަ އޮތެވެ."
އަބޫ ޔޫސުފު އެއްސެވެ. "ކަލޭގެ ސުވާލަކީ ކޮބައިހެއްޔެވެ؟"
ދެން އެ ދަރިވަރު އެސުވާލުކޮށް ރަނގަޅައް ނުނިމެނީސް ޖަވާބުގައި އަބޫ ޔޫސުފް ބުންޏެވެ. "އާއެކެވެ. އޭނާއަށް އުޖޫރަ ލިބެންޖެހޭނެއެވެ. އެއީ އޭނަ މަސައްކަތް ކުރީތީއެވެ."
ސުވާލުކުރި މީހާ ބުންޏެވެ. "ނޫނެކެވެ. ނުބައެވެ"
މިކަމާ އަބޫ ޔުސުފު ހައިރާންވެ އިރުކޮޅަކު މައްސަލައާއިމެދު ފުންކޮށް ވިސްނުމަށްފަހު ވިދާޅުވިއެވެ. "އަސްލު އޭނާއަށް އުޖޫރަ ދޭކަށް ނުޖެހޭނެއެވެ."
ސުވާލުކުރިމީހާ ދެންވެސް ބުންޏެވެ. "ނޫނެކެވެ. މިފަހަރުވެސް ނުބައެވެ."
އަބޫ ޔޫސުފު އެމީހާއަށް ބަލަން އިނދެފައި ވިދަޅުވިއެވެ. "ﷲ ގަންދީބުނަމެވެ. ކަލޭ މިތަނަށް ފޮނުވީ ފަހެ ކާކު ހެއްޔެވެ؟"
ސުވާލުކުރި މީހާ އެވަގުތު އަބޫ ހަނީފާއަށް އިޝާރާތްކޮއްފަ ބުންޏެވެ. "ތިމަންނަ މިތަނަށް ފޮނުވީ ޝައިހެވެ."
އެވަގުތު އަބޫ ޔޫސުފު އެބައްދަލުވުމުން ތެދުވެވަޑައިގަން ގޮސް އަބޫ ހަނީފާގެ އަރިހުގައި ވިދާޅުވިއެވެ. "ޝައިހެވެ. އަޅުގަނޑުގެ ސުވާލެއް އެބަ އޮތެވެ."
އަބޫ ހަނީފާ އަޅާއެއްނުލައްވައެވެ. އެވަގުތު އަބޫ ޔޫސުފް ވަޑައިގެން އަބޫހަނީފާގެ ކުރިމަތީގައި ކަކޫޖަހައި އިށީނުމަށްފަހު ވަރަށް އަދަބުވެރިކަމާއެކު ސުވާލުކުރެއްވިއެވެ. "ޝައިހެވެ. އަޅުގަނޑުގެ ސުވާލެއް އެބަ އޮތެވެ."
އަބޫ ހަނީފާ ވިދާޅުވިއެވެ. "ކަލޭގެ ސުވާލަކީ ކޮބައިހެއްޔެވެ؟"
އަބޫ ޔޫސުފު ވިދާޅުވިއެވެ. "ސުވާލަކީ ކޮބައިކަން ޝައިހަށް އެނގިލައްވާނެއެވެ."
"ފަހާމީހާއާއި ގަމީހުގެ ސުވާލު ހެއްޔެވެ؟" އަބޫ ހަނީފާ ސުވާލުކުރެއްވިއެވެ.
"އާދެ!" އަބޫ ޔުސުފް ޖަވާބުދިނެވެ.
އަބޫ ހަނީފާ ވިދާޅުވިއެވެ. "ޖަވާބު ކަލޭ ދޭށެވެ. ކަލެއަކީ ޝައިހެއްނޫން ހެއްޔެވެ؟"
އަބޫ ޔޫސުފު ވިދާޅުވިއެވެ. "އެހެނެއް ނޫނެވެ. ޝައިހަކީ ކަލެގެފާނެވެ."
ދެން އަބޫ ހަނީފާ އެ ސުވާލުގެ ޖަވާބު ދެއްވިއެވެ. "އަހަރެމެން ބަލާނީ އޭނާ އެ ގަމީސް ކުރުކޮއްފައިވަނީ ކިހާވަރަކަށްތޯ. އޭނާ އޭގެ ވެރިމީހާގެ އިސްކޮޅަށް ހެޔޮވަރަށް ބުރިކޮއްފައިވަނަމަ އޭނާ ވަނީ އޭނަގެ މަސައްކަތް ބަރާބަރަށް އަދާކޮއްފަ. އެއަށްފަހު އޭނާ އެ ގަމީސް ނުދޭކަމަށް ބުނިނަމަވެސް އޭނަގެ މަސައްކަތް ކޮއްފައިވާތީ އުޖޫރަ ލިބެންޖެހޭނެއެވެ. ނަމަވެސް އެ ގަމީސް ވަނީ އޭނަގެ އަމިއްލަ ގަޔަށް ހެޔޮވަރުވާވަރަށް ބުރިކޮއްފަ ނަމަ އޭނާ އެވަނީ އޭނަޔަށް އެ ގަމީސް ހެޔޮވަރުކޮއްފަ، އެހާލަތުގައި އުޖޫރަ ފަހާމީހާއަކަށް ދޭކަށް ނުޖެހޭނެއެވެ."
މި ޖަވާބު އަޑުއެހުމަށް ފަހު އަބޫ ޔޫސުފުތެދުވެ އަބޫ ހަނީފާގެ ނިތްކުރިއަށް ބޮސްދެއްވުމަށްފަހު އެ ކުރެވުން ކަންތަކާއި މެދު ހިތާމަކޮށް އަބޫ ޙަނީފާގެ ދަރިވަރެއްގެ ގޮތުގައި އަބޫ ހަނީފާ އަވަހާރަވަންދެން އުޅުއްވިއެވެ. އަމިއްލަ ކުލާހެއް ހިންގެވީ އަބޫ ހަނީފާ އަވަހާރަވުމަށް ފަހުގައެވެ.

1 comment:

  1. Masha Allah. habeyss..... dhonbeybe bunaany hama 1 vana ey

    ReplyDelete