06 May 2010

ގިޔާމަތް ދުވަސް

ހުސައިން އަފީފު

إن الحمد لله نحمده ونستعينه ونستغفره ونعوذ بالله من شرور أنفسنا ومن سيئات أعمالنا من يهد الله فهو المهتد ومن يضلل الله فلن تجد له وليا مرشدا. وأشهد أن لا أله إلا الله وحده لا شريك له وأشهد أن محمدا عبده ورسوله صلى الله عليه وسلم. أما بعد...


إِذَا السَّمَاءُ انْشَقَّتْ (1) وَأَذِنَتْ لِرَبِّهَا وَحُقَّتْ (2) وَإِذَا الْأَرْضُ مُدَّتْ (3) وَأَلْقَتْ مَا فِيهَا وَتَخَلَّتْ (4) وَأَذِنَتْ لِرَبِّهَا وَحُقَّتْ (5)

"އުޑު ފަޅަފަޅައިގެންދާ ހިނދެވެ. އަދި އެ އުޑުގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެކަން ޙައްޤުވެގެންވެއެވެ. އަދި ބިންގަނޑު ތަނަވަސްވެ، ފެތުރިގެންދާ ހިނދެވެ. އަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި، އެ ބިން ހުސްވެގެންދާ ހިނދެވެ. އަދި އެ ބިމުގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ. އެ ބިމަށް އެކަން ޙައްޤުވެގެންވެއެވެ".

އާދެ! ވާހަކަ ދައްކަން މިއުޅޭ ދުވަހަކީ ވަރަށް ވެސް ބިރުވެރި ދުވަހެކެވެ. ޒަލްޒަލާއެއް ސުނަމީއެއް އައުމުން އަޅުގަނޑުމެންނަށް ވެގެންދާގޮތް ހިތްމައްޗައް ގެނެސްގަންނަންވެސް އުނދަގޫލެވެ. މީހުންގެ ވޭނާއި ކެކުޅުމުގެ އަޑު އަހައި ހިތްދަތިވެ ހިތް ހަލާކުވެގެން ހިނގައިދާނެ ހެންވެސް ހީވެއެއްނޫންތޯއެވެ؟ ނަމަވެސް މިދައްކަން މިއުޅެނީ މިފަދަ ބިރުވެރިކަން އަޅާކިޔާ ނުލެވޭހާ ބިރުވެރި ދުވަހެއްގެ ވާހަކައެވެ. ކޮންމެ ނަފްސެއްވެސް ނަފްސީ ނަފްސީ ކިޔަމުން އެމީހުން އެންމެ ލޯބިވަ މީހުން ދޫކޮށް އަމިއްލަ ސަލާމަތައް ދުވާނޭ ދުވަހެއްގެ ވާހަކައެވެ. މާތް ﷲ އެކަލާނގެ ބާއްވާލެއްވި ޤުރުއާނުގައި އަންގަވަނީ:

يَقُولُ الْإِنْسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ (10) كَلَّا لَا وَزَرَ (11) إِلَى رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ (12)

"އެދުވަހުން އިންސާނާ ބުނާނެތެވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟ ހަމަހިލާ އެހެނަކުން ނުވަނެއެވެ. ރައްކާވެ ތިބެންދާނޭ ތަނެއްނެތެވެ. އެދުވަހުންގޮސް ހަމަޖެހުންވަނީ، ތިބާގެ ވެރިރަސްކަލާނގެ ހަޟްރަތަށެވެ"

ތެދެކެވެ. އެދުވަހުގެ ހަމަޖެހުން ގޮސް އެކަލާނގެ ހަޟްރަތައް ނޫނީ ނުވެއެވެ. ދެން އާދަމުގެފާނުން ފެށިގެން ހުރިހާ އިންސާނުން އަލުން ދިރުއްވަވައި ހަމާއި މަހާއި ކައްޓާއި އެއްކުރެވި އިނގިލިތަކުގެ ކުރިތަކަށް ދަންދެން އެންމެ ފުރަތަމައިން އިންސާނާ އުފެއްދެވި ފަދައިން އުފައްދަވާނެއެވެ. އަދި އިންސާނާ އޭނާ ކުރި އަމަލުތަކުގެ ޖަޒާ ދެއްވާނެއެވެ. އެދުވަހުން އިންސާނާ ސިއްރުން ކުރިހާކަމަކާއި ފާޅުގައި ކުރިހާކަމެއް އޭނާގެ ފަތުގައި ލިޔެވިގެންވާ ތަން އޭނާ ދެކޭނެއެވެ. އަދި އޭނާއަށް އޭގެ ފުރިހަމަކަމާއިމެދު ހައިރާންވެ އަންތަރީސްވާނެއެވެ. އެއަށްފަހު އެމީހަކު ކުޅަކަންކަމުގެ ޖަޒާ އެމީހަކަށް ދެވޭނެއެވެ. އެއީ ކިތަންމެ ކުޑަ އަމަލެއްކަމުގައިވީނަމަވެސް އޭގެ ޖަޒާ އޭނާ އެދުވަހުން ރުހުނަސް ނުރުހުނަސް ދެކޭނެއެވެ. މާތް ﷲ ހަތްއުޑުމަތިން ބާއްވާލެއްވި އެކަލާނގެ ވަޙީގައިވަނީ:

فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ (7) وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ (8)

"ފަހެ ޒައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮއްފި މީހާ، އެނާ އެކަން ދެކޭނެތެވެ. އަދި ޒައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮއްފި މީހާ، އޭނާ އެކަން ދެކޭނެތެވެ".
ހެޔޮއަމަލުކޮށް ދުނިޔޭގައި އީމާންވެ އުޅުނު މީސްތަކުންނަށް އެދުވަހުން ކަނާއަތައް ފަތް ދިއްކޮއްލެވޭ ހިނދު ބުނާނެތެވެ. ބަލާބަލާށެވެ. މިއޮތީ ތިމަންނަގެ ފޮތެވެ، ނިކަން ކިޔާބަލާށެވެ ހަމަކަށަވަރުން މިދުވަސް އަންނާނޭ ކަމާމެދު އަހަރެން ޝައްކެއްނުކުރީމުއެވެ. އެބައިމީހުންގެ ވާހަކަ އެކަލާނގެ ބަޔާންކުރައްވާ އަނގަވައިފައިވަނީ:

فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ (19) إِنِّي ظَنَنْتُ أَنِّي مُلَاقٍ حِسَابِيَهْ (20)

"ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނަށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ! ހަމަކަށަވަރުން، ތިމަންގެ ހިސާބާ ކުރިމަތިލާން ޖެހޭނެކަން ތިމަންނާއަށް ޔަޤީންވިއެވެ".
ދެން އެމީހެއްގެ ނިމުން ހުރީ ކޮންފަދަ ގޮތަކަށްތޯ ބަޔާންކުރައްވައި މާތް ﷲ ވަހީ ކުރައްވަނީ:

فَهُوَ فِي عِيشَةٍ رَاضِيَةٍ (21) فِي جَنَّةٍ عَالِيَةٍ (22) قُطُوفُهَا دَانِيَةٌ (23) كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ (24)

"ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. މަތިވެރިވެގެންވާ ސުވަރުގެއެއްގައެވެ. އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ. (އަންގަވާނެތެވެ.) އަރާމުލިބެނިވި ގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމޫން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ".

ދުނިޔޭގައި ފަސާދަކޮށް މަތް ﷲ އަށް ޝަރީކުކޮށް އެކަލާނގެއަށް އުރެދި މާތް ﷲ އަށައި އެކަލާނގެ ރަސޫލުންނަށް ފުރައްސާރަކުރި މީހުން އެމީހުން އެކުރި ފުރައްސާރައިގެ ބަދަލު އެދުވަހުން ލިބޭނެއެވެ. އަދި ލަދުގަންނަން އެދުވަހުން ޖެހޭނީ އަދި ފުރައްސާރަ ރައްދުވާނީވެސް ހަމަ އެބައިމީހުންނަށެވެ. އެބައިމީހުން ކުރި އަމަލުތަކުގެ ފަތް ދިއްކޮއްލެވޭ ހިނދު އެކަމާ އިންކާރު ކުރުމަށް އެބައިމީހުން މަސައްކަތް ކުރާނެއެވެ. އެހެނެއްކަމަކު އެމީހުންގެ ގުނަވަންތައް އެމީހުންނާއި އިދިކޮޅަށް އެދުވަހުން ހެކިދޭނެއެވެ. މިގޮތައް އެމީހެއްގެ ހާލު ސިފަކޮއްދެއްވައި ވަޙީކުރައްވަނީ:

وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ (25) وَلَمْ أَدْرِ مَا حِسَابِيَهْ (26) يَا ‎لَيْتَهَا كَانَتِ الْقَاضِيَةَ (27)

"އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސްހެއްޔެވެ؟ އަދި ތިމަންގެ ހިސާނު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ! އޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ!".
ދަންނާށެވެ. އެދުވަހުން ރޯ ރުއިމަކުން އަދި ވިސްނޭ ވިސްނުމަކުން އެދުވަހުން ކުރާނޭ މަންފާއެއްނުވެއެވެ. އެއަށްފަހު ވަޙީކުރައްވަނީ:

مَا أَغْنَى عَنِّي مَالِيَهْ (28) هَلَكَ عَنِّي سُلْطَانِيَهْ (29) خُذُوهُ فَغُلُّوهُ (30) ثُمَّ الْجَحِيمَ صَلُّوهُ (31) ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ (32)

"ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ. ( ޒަބާނިއްޔަ މަލާއިކަތުންނަށް ﷲ އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ! ދެން އެނާ ނަރަކައަށް ވައްދާށެވެ! ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލަހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ!".
މިއަޒާބު ދެވުނީ ކޮން ސަބަބަކާ ހުރެތޯ ބަޔާންކުރައްވައި ވިދިގެން އޮތް އާޔަތްތަކުގައި ވަޙީކުރައްވަނީ:

إِنّهُ كَانَ لَا يُؤْمِنُ بِاللَّهِ الْعَظِيمِ (33) وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ (34)

"ހަމަކަށަވަރުން، އޭނާ މާތް ﷲ އަށް އީމާންވާކަމުގައެއް ނުވެއެވެ. އަދި މިސްކީނުންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާކަމުގައެއް ނުވެއެވެ".
އަދިވެސް އެމީހާގެ ހާލަތު ބަޔާންކުރައްވާ އަޒާބުގެ އާޔަތްތަކުގައި ވަޙީކުރައްވަނީ:

فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ (35) وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ (36) لَا يَأْكُلُهُ إِلَّا الْخَاطِئُونَ (37)

"ފަހެ، މިއަދު މިތާކު އޭނާއަކަށް ރަހުމަތްތެރިއަކު ނުވެއެވެ. އަދި ޣިސްލީން މެނުވީ (އެބަހީ: ނަރަކައިގެ އަހުލުވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާއަކަށް ކާއެއްޗެއް ނުވެއެވެ. ކުއްވެރިން މެނިވީ އެއެއް ނުކާނެތެވެ".
މިފަދަ ބިރުވެރި ދުވަހެއްގައި ކަންތައްތައް ހުންނާނޭގޮތް ނިކަން ވިސްނާލަމާ ހެއްޔެވެ. އެދުވަހުން އަޅުގަނޑުމެންގެ ވާއަތުގެ ފަތް ބަރުވެއްޖެނަމަ ސަލާމަތްކަން އޮތީކިހިނަކުން ހެއްޔެވެ؟ ވުމާއިއެކު ކޮންމެ މީހަކީވެސް މިބިރުވެރި ދުވަހު ސަލާމަތް ލިބިގެންވާ މީހެއްކަމުގައި ވުމަށް ގަދައަޅައި މަސައްކަތް ކުރާ މީހަކަށް ވާނަޖެހެނެއެވެ. މިފަދަ ކަމަކަށް ތައްޔާރުވާއިރު އަޅުގަނޑުމެންގެ ކުރީގެ ސަލަފުއް ސާލިހުންގެ އަމަލުތައް ހުރި ގޮތް ބެލުމަކީ ހަމަ ގައިމުވެސް އަޅުގަނޑުމެންނަށް މަންފާކުރާނޭ ކަމެކެވެ. އެހެންކަމުން މިތާނގައި މިކިޔައިދެނީ އަބޫ އުބައިދާގެފާނުންގެ ވާހަކައެކެވެ.
އުމަރުގެފާނުގެ ހަލީފާކަމުގެ ދުވަސްވަރު އެއްފަހަރަކު އުމަރުގެފާނު އަބޫއުބައިދާ ވާލީއަކަށް ހުންނެވި ރަށަށް ޒިޔާރަތް ކުރެއްވިއެވެ. އަދި އެކަލޭގެފާނާއި ބައްދަލުކުރައްވައި އެކަލޭގެފާނުގެ ގެޔަށް އުމަރުގެފާނު ގެންގޮސް ދިނުމަށް އެދިލެއްވިއެވެ. ނަމަވެސް އެކަލޭގެފާނު އުމަރުގެފަނަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ގެޔަށް ކަލޭގެފާނު ވަޑައިގެންފިނަމަ ކީރިތި ކުރެއްވުން ނޫންކަމެއް ނުކުރައްވާނެއެވެ. ނަމަވެސް އުމަރުގެފާނު ދެންވެސް އެކަމަށް އެދިލެއްވުމުން އެކަލޭގެފާނު ގޮވައިގެން އަބޫ އުބައިދާ ގެއަށް ވަޑައިގަތެވެ.
އުމަރުގެފާނަށް އެގެޔަށް ވަދެ ވަޑައިގަތުމުން ލިބުނީ ހައިރާންކަމެކެވެ. އެގޭގައި އެކައްޗެއްވެސް ނެތެވެ. ހަނގުރާމައިގައި ބޭނުންކުރާނޭ އައްޑަނައަކާއި ދަނގަނޑު ދަހަނާއެއް ފިޔަވައި ހަމަ އެކައްޗެއްވެސް އެކަލޭގެފާނަށް ފެނިވަޑައެއް ނުގަތެވެ. އެހިނދު އުމަރުގެފާނުން ކަލޭގެފާނު ކާ އެއްޗެއްވެސ ނެތީތޯ ސުވާލުކުރެއްވުމުން އެނދު ދަށުން ހަރުވެފައި އޮތް ރޮއްޓެއް ނަންގަވައި އެ ފެނަށް ލައި ފޯކޮއްފައި އުމަރުގެފާނަށް ދެއްވިއެވެ. އެހިނދު އުމަރުގެފާނަށް ކީރިތި ކުރެއްވެން ފެއްޓެވުނެވެ. އަބޫ އުބައިދާގެފާނު ވިދާޅުވިއެވެ. މިތަކެތި ތިމަންކަލޭގެފާނުގެ މަގްސަދަށް ވާސިލްވުމަށް ފުދެއެވެ.
ވިސްނަވާށެވެ. އަޅުގަނޑުމެން ދުނިޔެ އެއްކޮށް ބައްކުރަނީ އާހިރަތް ދުވަސް މަތިން ހަނދާން ނައްތާލާފައެވެ. އާރާއި ބާރު މުދަލާއި ދަރިން ހޯދުމުގައި އަޅުގަނޑުމެން މިވަނީ މަޝްޣޫލްވެ އާހިރަތާއި މެދު މިވަނީ ޣާފިލްވެވިފައެވެ. އަޅުގަނޑުމެންނަށް އޮތީ މިފަދަ ވާހަކަތަކުން އިބުރަތް ލިބިގަނެ އަވަހަށް ތައުބާވެ އާހިރަތައްޓަކައި ހެޔޮ އަމަލުތައް ގިނަކުރުމެވެ.
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް މާތް ﷲ އާއި ބައްދަލުކުރަން ޖެހޭނޭދުވަހެއްވާކަން ދަނެ އެދުވަހަކަށްޓަކައި ތައްޔާރުވެ ސާލިހުއަޅުންކަމުގައިވެ ސުވަރުގޭގެ މަތިވެރި ނިޢުމަތްދެއްވާ ނަރަކައިގެ ގަދަފަދަ އަޒާބުން ސަލާމަތް ވެގެންވާ ބަޔަކުކަމުގައި ލެއްވުންމެވެ. އާމީން!

2 comments:

  1. varah bodah shukuriyyaa, jazaakallah khairan fiddunya wal aakhirath.... alhugandumenge islam imthihaanah varah muhimmu mauloomaathukolheh thi genes dhevvee.

    ReplyDelete