08 May 2010

އެހެނެއްކަމަކު އުމަރުގެ ރައްބު އަހަރެމެން ދެކެވޮޑިގެންވެއެވެ!

ހުސައިން އަފީފު

ދުވަސްވަރަކީ ހުލަފާ ރާޝިދުންގެ ދެވަނަ ޚަލީފާ އުމަރު ބުން ހައްތާބުގެ ހަލީފާކަމުގެ ދުވަސްވަރެވެ. އެކަލޭގެފާނަކީ، އެކަލޭގެފާނު ހިލާފަތާއި ހަވާލުވުމަށްފަހު ވަރަށް ގިނައިން ރޭގަނޑު ވަގުތުގައި މީސްތަކުންގެ ހާލު ބައްލަވައި އެބައިމީހުނަށް ބޭނުންވާ ކަންކަން ފުއްދަވައި ދެއްވަން ނުކުމެވަޑައިގެން މަގުމަތީގައި ހިންގަވާ އުޅުއްވި މާތް ސަހާބީއެވެ. މިހެން ނުކުތް އެއްރެއެވެ...

އެކަލޭގެފާނާއިއެކު އެރޭ ހާދިމަކުވެސް ވިއެވެ. މިހެން ހިނގަވަމުން ގޮސް އެދެބޭކަލުން ވަރުބަލިވުމުން ގެއެއްގެ ކައިރީ ވަރުބަލި ފިލުވައިލާން މަޑުކޮއްލިއެވެ. އެވަގުތު އެދެބޭކަލުންނަށްވެސް އެގޭތެރެއިން މުސްކުޅި އަންހެނަކު ދައްކަމުން ދިޔަ ވާހަކަ ވަރަށް ރަނގަޅަށް ސާފުކޮއް އިވިވަޑައިގަތެވެ. އެއިރު އެ މުސްކުޅި އަންހެންމީހާ ދިޔައީ އޭނާގެ އަންހެންދަރިފުޅަށް އޭގެ އަނެއްދުވަހު ވިއްކަން ބަހައްޓާފައި ހުރި ކިރު އެއްޗަށް ފެންއެޅުމަށް އަމުރުކުރަމުންނެވެ. އެވަގުތު އެ އަންހެން ދަރިފުޅު އެކަމާ އިންކާރު ކުރިއެވެ. އަދި ބުންޏެވެ. "ހަމަ ކަށަވަރުން މުއުމިންގެ ޚަލީފާވަނީ މީހަކު ފޮނުވާ ކިރަށް ފެންއަޅާ އެއްކުރުން އެއީ މަނާކަމެއްކަމަށް އިއުލާން ކޮއްފައެވެ." (މިތާނގައި ކިރު މާނަކުރަނީ ވިއްކާ ކިރަށެވެ، އަމިއްލަ ބޭނުމަށް ބަހައްޓާ ކިރަކަށް ނޫނެވެ).
އެމަންމަ ރުޅި ނައިކަމުގައިވީނަމަވެސް އެ މަންމަގެ ބަސް ގަބޫލުކޮށް ފެން އެޅުމަށް ދިޔައީ ތަކުރާރުކޮށް އެދެމުންނެވެ. ދެންވެސް ގަބޫލުނުކުރުމުން އެމަންމަ ބުންޏެވެ. "މިހާރު އުމަރުގެފާނު ކޮބައިހެއްޔެވެ؟ ހަމަ ގައިމު އުމަރުގެފާނަށް އަހަރެމެންނެއް ފެނިވަޑައެއް ނުގަންނަވާނެއެވެ." އެހިނދު އެ ތެދުވެރި އަންހެން ދަރިފުޅު ބުންޏެވެ. "އުމަރުގެފާނަށް އަހަރެމެން ފެނިވަޑައިނުގަންނަވަނީނަމަ ކަމުގައިވަނީނަމަ އުމަރުގެފާނުގެ ރައްބު އަހަރެމެން ދެކެވޮޑިގެންވާނެއެވެ." މިއަޑު އިވިވަޑައިގަނެ އެ އަންހެން ކުއްޖާގެ އީމާންކަމާއި ތެދުވެރިކަމުގެ މައްޗަށް އުމަރުގެފާނު ވަރަށް އުފާވެވަޑައިގަތެވެ.

ޖެހިގެން އައިދުވަހު އެއަންހެން ކުއްޖާއާއި ބެހޭ ގޮތުން އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. އަދި އެ ކުއްޖާއަކީ ކާކު ކަން އެނގިވަޑައިގަތެވެ. އަދި އެއީ ކައިވެނި ނުކުރައްވާ ހުރި ކުއްޖެއްކަންވެސް އެނގިވަޑައިގަތެވެ. ދެން އެކަލޭގެފާނު، އެކަލޭގެފާނުންގެ ދަރިކަލުން އާސިމް (رضي الله عنه) އާއި އެކުއްޖާއާއި ކައިވެނިކޮއްދެއްވިއެވެ. އެ އަންހެން ކުއްޖަކީ އުއްމު އައްމާރާ ބިންތި ސުފްޔާން ބިން އަބުދު ﷲ އައް-ތަޤަފީއެވެ. މާތް ﷲ އެދެކަބަލުންގެ ކައިވެނީގައި ބަރަކާތް ލައްވައި އެދެކަބަލުންގެ ކާފަދަރިއަކު ހެޔޮލަފާ އަދުލުވެރި ވެރިއެއްކަމުގައި ލެއްވިއެވެ. އާދޭހެވެ! އެއީ އުމަރު ބުން އަބްދުލް އަޒީޒެވެ.

އަހަރެމެން މިއަދު ވިސްނާލަންވީ އަހަރެމެންގެ އީމާންކަން ހުރީ މިފަދައިންތޯއެވެ؟ އަހަރެމެންނަށް މިއަދު ވާގޮތަކީ ވަރަށް ނަމާދުކޮށް ހެޔޮއަމަލުތަކުގައި މަޝްޢޫލުވެ އުޅެމެވެ. ނަމަވެސް މީސްތަކުންގެ ލޯމަތިން ގެއްލި އެކަނިވެ ނުބައިކަމެއް ކުރުމުގެ ފުރުސަތު ލިބުމުން ނުކޮށެއް ދުލެއް ނުކުރެވެއެވެ. ތަޤްވާވެރިކަމާއި ތެދުވެރިކަމުގެ ކަންފުޅެއްވެސް އަހަރެމެން ގަޔަކު ނުހުރެއެވެ.

ވިސްނާލަބަލާށެވެ! މަންމަމެން ލޯމަތީ ފެންނަން ހުންނައިރު، ބައްޕަކައިރީ އުޅޭއިރު، ބުނަން ނުކެރޭ ހުތުރު ކިހާ ބަހެއް އެމީހުން ނެތް ތަންތާ ކިޔަމުތޯއެވެ. ޝައިހަކު ފެންނަން ހުންނައިރު ބަލަން ނުކުރޭ ކިހާ ތަނަކަށް އެމީހަކު ނެތުމުން ބެލޭހެއްޔެވެ؟ މީހަކު ހުންނައިރު ކުރަންނުކެރޭ ކިހާކަމެއް އެކަނިވުމުން ކުރެވޭ ހެއްޔެވެ؟ ނަމަވެސް ހިތާމައަކީ އެހުރިހާ ވަގުތެއްގައިމެ ގަދަ ކީރިވަންތަ އެންމެހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ބައްލަވާ ވޮޑިގެންވާ އިލާހު ތިމަންނާއަށް ބައްލަވާ ވޮޑިގެންވޭ ހިތަށް ނާންނާތީއެވެ. ނުވަތަ އަޔަސް ބިރު ނުގަނެވޭތީއެވެ. ތަޤްވާވެރިން ކަމުގައި ނުގުނޭތީއެވެ!

މާތް ﷲ އުއްމަތް އެކަތިގަނޑަކަށް ހައްދަވައި އަހަރެމެންތެރޭގައި ބައިބައިވުން ނައްތާލައި ތަޤްވާރެރި ސާލިހް އަޅުންތަކެއްކަމުގައި އަހަރެމެން ލައްވާންދޭވެ. އާމީން!

1 comment: