14 February 2011

ވެލެންޓައިންސް ޑޭ

ހުސައިން ޢަފީފު


އެންމެހާ ޙަމްދު ޘަނާ ޙައްޤުވެގެންވަނީ ގަދަ ކީރިތި ވަންތަ މާތް ﷲ ޞުބުޙާނަހޫ ވަތަޢާލާއަށެއެވެ. އަދި ސަލަވާތާއި ސަލާމް ލެއްވުން އެދި ދުއާކުރައްވަނީ މިއުއްމަތަށް ކައު ކުރެއްވި އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމައަށެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން އަދި އެކަލޭގެފާނަށް ހެޔޮގޮތުގައި ޤިޔާމަތަށް ދާންދެން ތަބާވީ އެންމެހާ މީސްތަކުން ޝާމިލުކުރަމެވެ.

ޝައްކެއްވެސް ނެތެވެ. މާތް ﷲ ވަނީ މިއުއްމަތުގެ މީސްތަކުންނަށް ދީނެއްކަމުގައި އިސްލާމްދީން ކަނޑައަޅުއްވާފައެވެ. އަދި އެނޫންދީނެއް މާތް ﷲ އެއްވެސް މީހެއްގެ ކިބައިން ޤަބޫލުނުކުރައްވަތެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.

وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآَخِرَةِ مِنَ الْخَاسِرِينَ
"دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."

ކީރިތި ރަސޫލާ ވަނީ މިއުއްމަތުގެ ތެރެއިން ބަޔަކުމީހުން މިދީނުގެ އަދާވާތްތެރިންނަށް ތަބާވާނޭކަން އަނގަވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވި ޙަދީޘެއްގެ މާނާގައިވެއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރިން އައިމީހުންގެ ގޮތްތަކަށް ތަބާވާނެއެވެ. މުށަކަށްފަހު މުށެކެވެ. ކައިވަތަކަށްފަހު ކައިވަތެކެވެ. އެބައިމީހުން ضبّއެއްގެ (ސަހަރާތެރޭ އުޅޭ ބޮނޑެއްގެ) ހޮރަށް ވަންކަމުގައި ވިޔަސް ތިޔަބައިމީހުން އެމީހުންގެ ފަހަތުން ގޮސް އެހޮރަށް ވަންނާނެއެވެ. އެހިނދު ތިމަންބޭކަލުން ދެންނެވީމެއެވެ. އޭ اللهގެ ރަސޫލާއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިން ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ. "ފަހެ އެނޫން ދެން ކޮންބައެއް ހެއްޔެވެ؟". (ބުޚާރީީ: 8/151، މުސްލިމް 4/2054)

އެކަލާގެފާނު އެޙަދީޘްކުރެއްވި ބަސްފުޅު މިއަދު މިދަނީ ލޯމަތިން އޭގެ ތެދުކަން ސާބިތުވަމުންނެވެ. މުސްލިމުން ކާފަރުންގެ ގޮތްތަކަށް ތަބާވަމުން މިދަނީ ހައިރާންކުރުވަނިވި ދަރަޖައަކަށެވެ. ލަނީ އެމީހުންލާ އެއްޗެކެވެ. ކެވެނީ އެމީހުން ކާ އެއްޗެކެވެ. ބޮނީ އެމީހުން ބޯހާއެއްޗެކެވެ. ފާހަގަކުރަމުން މިދަނީ އެމީހުން ފާހަގަކުރާ ދުވަސްތަކެވެ. މިކަންކަން މިވަނީ އާއްމުވެ މުޅި އިސްލާމީ މުޖުތަމަޢުތަކުގައި ފެތުރިފައެވެ.
މިކަންކަން މިވަނީ މުއާސަލާތީގޮތުން ދުނިޔެ ކުޑަތަންކުރުވާ އިންޓަނެޓާއި ޓީވީގެ ޒަރިއްޔާއިން އިތުރަށް ގޯސްކޮށްފައެވެ. ގޭގައި ބަލާ ޑްރާމާތަކުންނާއި ސިލްސިލާތަކުންނާއި ފިލްމުތަކުން އެބައިމީހުންގެ ގޮތްތައް ފަތުރާއި އެ ގޮތްތަކަށް ކުޑަކުދީންނާއި ބޮޑެތިމީހުންވަނީ ތަބާވާން ފަށާފައެވެ. ތަބާ ނުވާންވީ ކީއްވެގެންތޯއެވެ؟ ޑްރާމާއެއްގާ އެކްޓަރެއް މަރުވީތީ ރުއިމީހުންވެސް ރާއްޖެއަކުވެސް މަދެއް ނޫނެވެ.

މިހެން ފާހަގަ ކޮއްލެވޭ ކަންކަމުގެ ތެރޭގައި ލޯބިވެރިންގެ ދުވަހަކީވެސް ނުހިމެނި ނުދާވަރަށް ރާއްޖޭގައި މިހާރު ފާހަގަ ކުރެވެމުން އަންނަ ދުވަހެކެވެ. ފެބްރުއަރީ 14 ވަނަ ދުވަހުގައި ސުކޫލްތަކުގެ ފްލޯތައް ރަތްކުލައިގެ ކާޑުންނާއި މަލުންވެސް ހަޑިކޮއްލައެވެ. ކަންކަންމަތީންނާއި ގޭގޭތެރެއިންނާއި ހަފްލާތަކުގައި ދޭދޭޖިންސުގެ ޒުވާނުންދަނީ އެކިއެކި ހަދިޔާތައް މިދުވަހުގެ ނަމުގައި ބަދަލުކުރަމުންނެވެ. މިލިޔުމުގައި ބަލާލަން ގަސްދުމިކުރަނި މީ ކިހިނެތް އުފެދިގެންއައި ދީނީގޮތުން ކިހާވަރެއްގެ ކަމެއްތޯއެވެ. މިފަހަރުގެ މިދުވަސް ފާހަގަކުރަން ހިތުގައި ލައިގެން ހުރިކަމަށް ތިބާވާނަމަ މިލިޔުން ނިމެންދެން ކިޔާލުމަށް އެދެމެވެ.

މިދުވަހަކީ މީގެ 17 ގަރުނުކުރިން ރޯމަނުން އެމީހުން ނަޞާރާދީނަށް ވަނުމުގެ ކުރިން އެބައިމީހުން "ރޫހާނީ ލޯބީގެ" ގޮތުގައި ފާހަގަކުރަމުންއައި ދުވަހެކެވެ. މިދުވަސް ފާހަގަކުރެވޭ ގޮތާއިމެދު ވަރަށް ގިނަ ގޮތްގޮތަށް ވާހަކަތައް އައިސްފާވެއެވެ. އެގޮތުން އެންމެ މަޝްހޫރު އެއްގޮތަކީ ރޯމުން ގަބޫލުކުރުމެއްކަމަށްވާ، ރޯމްގެ ފައުންޑަރ ރޯމިއުލަސް އަންހެން ހިޔަޅެއްގެ ގާތުން ކިރު ބުއިމަށްފަހު އޭނާއަށް ބާރާއި ވިސްނުން ލިބުމެވެ.

ރޯމަނުން މިދުވަސް ފެބުރުއަރީގެ މެދުތެރޭގައި ފާހަގަކޮއް އުޅުނެވެ. އެދުވަހުގައި މިބައިމީހުންކުރާ އެއްބާވަތެއްގެ ކަމަކީ ކުއްތާއަކާއި ބަކަށްޓެއް ޤުރުބާންކުރުމެވެ. ދެން ޒުވާން ޞިއްހަތު ރަނގަޅު ދެ ފިރިހެނުން އެބައިމީހުންގެ ގަޔަށް މިދޭތީގެ ލޭއަޅާ ފޮރުވާލުމަށްފަހު ކިރުން އެދޮވެއެވެ. ދެން މި ދެޒުވާނުން ކުރީގައި ބަހައްޓައިގެން މަގުތަކުގައި ބޮޑު ޕެރޭޑެއް ބާއްވައެވެ. މި ދެޒުވާނުން އަތުގައި ލެދާއިން ހަދާފާއިވާ އާލަތެއް މިހެން ހިނގަމުންދާއިރު އޮވެއެވެ. މިއިން އެމީހުންގެ ކުރިން ހުރަސްކުރާ ކޮންމެ މީހެއްގައިގައި ތަޅާހަދައެވެ. މިތެޅުމަށް އަންހެނުން މަރުހަބާ ކިޔާ ހާލު އެމީހުންގެ ކުރިމައްޗަށް އަރައެވެ. އެއީ އެބައިމީހުން ގަބޫލުކުރާގޮތުގައި މިތެޅުމުގެ ސަބަބުން ދަރިން ނުލިބުމުން ރައްކާތެރިވާނެއެވެ. ނުވަތަ ދަރިން ނުލިބޭ މީހެއްނަމަ އެމީހަކަށް ދަރިންލިބޭނެއެވެ.

ސައިންޓް ވެލެންޓައިންނާއި މިދުވަހާއި ހުރިގުޅުން
ފާދިރީ ވެލަންޓައިން އަކީ ނަޞާރާއިންގެ ފައްޅީގެ ކުރީގެ ދެ "ޝަހީދުންނަށް" ދެވިފައިވާ ނަމެކެވެ. ބުނެވޭ ގޮތުގައި އެނަން ކިޔާ ވަނީ ދެމީހަކު ނުވަތަ އެކަކެވެ. ރޫމީން ނަޞާރާދީނަށް އެނބުރުމަށްފަހު އެދީން ވަރުގަދައަށް ފެތުރުމުން، ރޫމީންގެ ވެރިއަކަށް ހުރި އިމްބްރާތޫރް: ކްލޯޑިއަސް II (Emperor Claudius II،), މީލާދީން 3ވަނަ ޤަރުނުގައި އެބައިމީހުންގެ ހަނގުރާމަވެރިންނަށް (އެބަހީ ސިފައިންނަށް) ކައިވެނި ނުކުރެވޭ ގޮތަށް ހަމަޖެއްސިއެވެ. އެއީ ކައިވެނީގެ ސަބަބުން އެމީހުން ކުރަންޖެހޭ ހަނގުރާމަތަކަށް ފަސްޖެހޭނެތީއެވެ. މިނިންމުމާއި ފާދިރީ ވެލަންޓައިން އިދިކޮޅުވިއެވެ. އަދި ސިއްރުގައި ސިފައިންނަށް ކައިވެނި ކޮށްދޭން ފެށިއެވެ. މިކަން އިމްބްރާތޫރްއަށް އެނގުމުން ފާދިރީ ވެލަންޓައިން ޖަލަށް ލުމަށްފަހު މެރުމަށް ޙުކުމް ކުރިއެވެ. ޖަލުގައި ހުރިއިރު ފާދިރީ ވެލަންޓައިން، ޖަލު ބަލަހައްޓާމީހާގެ އަންހެން ދަރިފުޅާއި ހިތާވިއެވެ. އެހެންނަމަވެސް މިކަމެއް ހިނގާ ދިޔައީ އެހާމެ ސިއްރިއްޔާތުގައެވެ. އެހެނީ ނަޞާރާއިންގެ ގާތުގައި، އެމީހުންގެ ފާދިރީންނާއި އަޅުވެރީން ކައިވެނި ކުރުމާއި އަދި ލޯބިވުމަކީވެސް ޙަރާމް ކަމަކަށް ވާތީއެވެ.

ކަންމިހެންވީ ކަމުގައިވީނަމަވެސް، ނަޞާރާއިންގެ ގާތުގައި މިފާދިރީވީ ވަރަށް މަތިވެރިމީހަކަށެވެ. އެއީ ނަޞާރާދީނުގައި އޭނާ ވަރުގަދައަށް ޡާބިތުވެ ހުރުމުންނެވެ. އެއީ އިމްބްރާތޫރް، ފާދިރީ ވެލަންޓައިންއަށް އޭނާ ނަޞާރާދީން ދޫކޮށް ރޫމީންގެ ބުދު ކަލާނގެތަކަށް ރުޖޫޢަވެއްޖެނަމަ، މަޢާފުކޮށް އެންމެ އަރިސް މީހެއް ކަމުގައި ހަދައި އަދި އޭނާގެ ދަނބިދަރިއަކަށްވެސް ހަދާދޭނެ ކަމަށް (އަންހެން ދަރިފުޅާއި ކައިވެނި ކޮށްދޭނެކަމަށް) ވަޢުދުވުމުންވެސް އެކަމަށް އިންކާރުކޮށް ނަޞާރާދީން ޚިޔާރު ކުރީމައެވެ. އެހެންކަމުން މީލާދީން 14 ފެބްރުއަރީ 270ގައި މިފާދިރީ މަރާލެވުނެވެ. މަރާލަން ހަމަޖެހިފައި އޮތްދުވަހު އޭނާ ގަނޑުކޮޅެއްގައި، އެލޯބިވި އަންހެން ކުއްޖާއަށް އޭނާގެ އެއޯގާތެރިކަމާއި ގާތްކަމަށް ޝުކުރު އަދާކޮށް، އޭގައި "ލޯބިވާ ވެލަންޓައިންގެ ފަރާތުން" މިހެން ލިޔެ ކުޑަ ނޯޓުކޮޅެއް ބޭއްވިއެވެ. މިގޮތުން މިދުވަހަށް ވެލަންޓައިންސް ޑޭގެ ނަމުން ނަންދެވި ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވެން ފެށުނެވެ. (والله أعلم)

މިފާދިރީ މަރުވި ތަނުގައި ރޯމްގައި ފައްޅިއެއް އަޅާފައިހުރެއެވެ. ރޯމަނުން ނަޞާރާދީނަށް ވަނުމަށްފަހުވެސް އެބައިމީހުން މިހަފުލާ ދިޔައީ ފާހަގަކުރަމުންނެވެ. އެހެނަސް ކުރިން އެޔަށް ދެވިފައިވާނަން "ރޫހާނީ ލޯބި" "ޝަހީދުންގެ ލޯތްބަށް" ބަދަލުކުރިއެވެ. އެއީ އެ ފާދިރީ ވެލަންޓައިން އަށް ނިސްބަތްކޮށެވެ. އެހެނީ އެމީހުން ގަބޫލުކުރާގޮތުގައި އެ ފާދިރީ މަރާލެވުނީ އޭނާ މީހުންގެ މެދުގައި ލޯބި އާލާކުރަން އުޅުނީތީއެވެ. މިފާދިރީއަށް ލޯބިވެރިންގެ އެހީތެރި ފާދިރީގެ ނަމުން ނަންކިޔެއެވެ.

އަދި މިދުވަހާއިގުޅިފައިވާ އަނެއް ބޯދާ ކަމަކީ، މީހުން އެބައިމީހުންގެ ތެރެއިން އަންހެންކުދިންގެ ނަންތައް ކަރުދާހުގައި ލިޔެ މޭޒުމަތީގައި ބެހެއްޓުމެވެ. ދެން އެމީހުންގެ ތެރެއިން ކައިވެންޏަށް ބޭނުންވާ ފިރިހެނުން އައިސް އެއިން ގަނޑުކޮޅެއް ނަގާ އެ ގަނޑުކޮޅުގައިވާ އަންހެންކުއްޖެއްގެ ހިދުމަތުގައި އެއްއަހަރު ހޭދަކުރާނީއޭވެ، އެއީ އެދެމީހުން ދަސްކުރަން ކުރާކަމެކެވެ. އެއަށްފަހު އެމީހުން ބޭނުންނަމަ ކައިވެނިކުރާނީއެވެ. ނުވަތަ މިކަންތައް ތަކުރާރުކުރާނީއެވެ. މިކަންތައްތައްވަނީ އެބައިމީހުންގެ ދީނުގެ ބޮޑެތި މީހުން މަނާކޮއްފައެވެ. އެއީ އޭގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާތަކުގެ ސަބަބުންނެވެ. އިޓަލީ އަކީ ކުރިން މިކަމަށް މަޝްހޫރު ތަނެކެވެ. އެހެނަސް އެގައުމުންވަނީ މިކަން އެއްކޮއް ހުއްޓާލާފައެވެ.

ފަހުން 18 ވަނަ ގަރުނާއި 19 ވަނަ ގަރުނުގެ ތެރޭގައި މިކަން އަލުން އިސްލާހުކޮއްގެން ފެށުނުގޮތަކީ ފިހާރަތަކުގައި ވެލެންޓައިންސް ބޫކު ވިއްކުމެވެ. މީގައި ތަފާތު އެކި ޅެންޅެން ހުރެއެވެ، މިއިން ބޭނުން ޅެމެއް ހިޔާރުކޮއް އެމީހެއްގެ ލޯބިވެރިޔާއަށް ސިޓީއެއްފޮނުވުމަށެވެ. މިތަކެތީގައި ސިޓީލިޔާނޭގޮތްތައްވެސް ކިޔައިދިފައިހުރެއެވެ.


މިދުވަހުގައި ކުރާ މުޙިއްމު ކަންކަމުގެ ތެރޭގައި
1. އެހެން ހަފުލާތަކެކޭވެސް އެއްފަދައިން މަޖާކުރުމާއި އުފާފާޅުކުރުން
2. ރަތް ފިނިފެންމާ ބަދަލުކުރުން. މިއީ ކުރިން ދެންނެވި "ރޫހާނީ ލޯބި" ނުވަތަ ނަޞާރާއިން "ލޯބި" ފާޅުކޮއްދޭން ކުރާކަމެކެވެ. އެހެންވެ މިއަށް "ފީސްޓް އޮފް ލަވާރސް" އޭ ކިޔެއެވެ.
3. ދުވަހުގެ މުނާސަބަތުގައި ކާޑު ފޮނުވުން. މިހެން ފޮނުވާ ކާޑުތަކުގައި " Cupid" ގެ ފޮޓޯ ބައެއް ކާޑުތަކުގައި ހުރެއެވެ. މިއީ އެދެވަރަލާފައި ދުނިދަނޑި ހިފައިގެން ހުންނަ ކުޑަކުއްޖާއަށް ކިޔޭނަމެކެވެ. މިއީ ރޯމަނުން ނަޞާރާދީން ގަބޫލުކުރުމުގެކުރިން އެބައިމީހުން ގަބޫލުކުރާ ލޯބީގެ ކަލާނގެއެވެ.
4. އެކިއެކި ބަސްބަހުންނާއި ޅެންޅެމުން ލޯބީގެ ޖަޒުބާތުތައް އަނެކާއަށް ފޮނުވުން. މިހެން ފޮނުވާ ތަކެތިގައި "ބީ މައި ވެލެންޓައިން" އޭ ލިޔެފައިވެއެވެ. މިއީ ކުރީގެ ރޯމަނުންގެ ގޮތް ނަޞާރާދީނަށްވަނުމަށްފަހު ބަދަލުވެފައިވާ ގޮތް ދައްކައިދޭ ކަމެކެވެ.
5. މިހާރު ވަރަށް ގިނަ ހުޅަނގުގެ ގައުމުތަކުގައި މިދުވަހުގެ ހަވީރު ޕާޓީތައްބާއްވާއި އަންހެނުންނާއި ފިރިހެނުން އެއްތަންވެ އެއްވެ ގާތްގޯޅިވެ މިއުޒިކުޖަހާ ނަށާވެސް ހަދައެވެ.

މިއިސްވެ ދިޔަ މައުލޫމާތުތަކަށް ވިސްނާލާ ކޮންމެ މީހަކަށްވެސް މިބަޔާންކުރާ ކަންތައްތައް ފާހަގަވާނެއެވެ.
ފުރަތަމަ:
މިކަމުގެ ފެށުން ގުޅިފައިވަނީ މާތް ﷲ އަށް ޝިރުކުކުރަމުން ދިޔަ ބައެއް ފާހަގަކުރާ ދުވަހަކާއެވެ. އެއީ އެދުވަހުގައި އެމީހުނާއި އެމީހުން ﷲ ފިޔަވައި އަޅުކަންކުރާ އިލާހުންތަކާއިމެދުވާ ރޫހާނީ ލޯބި ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަފްލާތަކެކެވެ. އެހެންކަމުން އެދުވަސް ފާހަގަކުރާމީހަކީ އެދުވަހެއްގާ ﷲ ފިޔަވައި އިލާހުންތަކެއް މަތިވެރިކުރާ، ޝިރުކުގެ ދުވަހެއް ފާހަގަކުރާމީހެކެވެ.

ދެވަނަކަމަކީ:
މިކަންކަމުގެ އަސްލު ގުޅިފައިވަނީ އެއްވެސް ހަމަބުއްދި ހުރި އިންސާނަކަށް ގަބޫލުނުކުރެވޭނެފަދަ އަދި އިސްލާމީ އަޤީދާއާ މުޅިން ހިލާފުކަންކަމާއެވެ. އެހެނީ އަންހެން ހިޔަޅެއްގެ ގާތުން ކިރުބުއިމުގެ ސަބަބުން ބާރުގަދަވުމާއި ވިސްނުންތޫނުވުން ކަހަލަ ކަންކަމަކީ ހަމަ ބުއްދި ގަބޫލުނުކުރާ ކަންކަމެވެ.

ތިންވަނަކަމަކީ:
އެބައިމިހުން އެދުވަހުގެ މުނާސަބަތުގައި ކުރާ ހަޑި ހުތުރު ކަންކަމަކީ މިސާލަކަށް ކުއްތާއާއި ބަކަރިކަތިލުމަށްފަހު އޭގެ ލޭ ގަޔަށް އެޅުމަކީ ހަމަވިސްނޭ އެންމެންވެސް އަޑު އިވުމާއިއެކު ނަފުރަތުކުރާނޭ ކަހަލަ ކަންކަމެވެ.

ހަތަރުވަނަކަމަކީ:
ފާދިރީ ވެލެންޓައިންނާޢި މިދުވަހާއިގުޅޭ ގޮތަކީ އޮޅުން ބޮޅުމެކެވެ. ނަޞާރާއިންނަށްވެސް މުޝްރިކުން އެކުރިއަމަލުން ދުރުވެ އެމީހުންނާ ގުޅުމެއްނެތްކަމަށް ދެކުން އައުލާކަންބޮޑެވެ. އެހެންކަމުން އަދި މުސްލިމުން، އެބައިމީހުންނަށް ނަޞާރާއިންނާއި ޔަހޫދީން އަދި މުޝްރިކުންނާއި ތަފާތުވުމަށް އަންގަވާފައިވާއިރު މިކަންކަމުން ދުރުވުން މާ އަޢުލާކަން ބޮޑެވެ.

ފަސްވަނަކަމަކީ؛
އިޓަލީގައި ކުރިންވެސް ނަޞާރާއިން މިކަން މަނާކުރަން ޖެހުނި އެދުވަހުގައި ނުބައި ކަންކަމާއި ފަސާދަކުރަނިވި ކަންކަން ކުރާތީއެވެ. އެހެންކަމުން މުސްލިމުން މިކަންކަމުން ދުރުހެލިވެ، މިފަދަ ކަންކަން ހުއްޓުވަން މަސައްކަތްކުރުން މާބޮޑަށް އަޢުލާކަން ބޮޑުނޫންތޯއެވެ؟

ފަހަރެއްގައި ތިޔައިގެތެރެއިން ބޭފުޅަކު އަދިވެސް އަހާލަފާނެއެވެ. މުސްލިމުން މިދުވަސް ފާހަގަ ނުކުރާންވީ ކީއްވެ ހެއްޔެވެ؟ މިސުވާލުގެ ޖަވާބު އެކިގޮތްގޮތައް ދެވިދާނެއެވެ،
ފުރަތަމަ
އިސްލާމްދީނުގައި މުސްލިމުން ފާހަގަކުރާނޭ ދުވަސްތަކެއްވަނީ ﷲ ތަޢާލާ ކަނޑައަޅުއްވާފައިއެވެ. މިއިން ދުވަހަކަށް އިތުރުކުރުމެއްވެސް އަދި އުނިކުރުމެއްވެސް އެއީ ގަބޫލުކުރެވޭނޭ ކަމެއްނޫނެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅުގެ މާނާގައިވެއެވެ.
" ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، شريعة އަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ." (5:48)
" ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް شريعة އެއް، އެއުރެން އެއަށް تبع ވުމަށްޓަކައި ލެއްވީމެވެ." (22:67)
މިއާޔަތުގައި ޝަރީއަތަކީ ދީނީ ފާހަގަކުރުންތަކެވެ. އިނގިރޭސި ތަރުޖަމާ ބަލާލުން ރަނގަޅެވެ. والله أعلم

ދެވަނަގޮތަކީ: ވެލެންޓައިންސް ދުވަސް ފާހަގަކުރުމަކީ މުޝްރިކުންނާއި ނަޞާރާއީންނާއި އެއްގޮތް ވުމެވެ. އާއްމުކޮއް ބުނާނަމަ އެބައިމީހުންގެ ކަންކަމާއި އެއްގޮތްވުމަކީ ހަރާމްކަމެކެވެ. އެއީ އަޅުކަމެއްކަމުގައިވާނަމަ އެކަމުގެ ބިރު ބޮޑެވެ.
މާތް ﷲ ގެ ވަޙީ ބަސްފުޅުގެ މާނާގައިވެއެވެ.
"ފާޅުވެގެންވާ ހެކިތައް އެއުރެންނަށް އައުމަށްފަހު، ވަކިވަކިވެ خلاف ވީ މީހުން ފަދައިން، ތިޔަބައިމީހުން ނުވާށެވެ! ބޮޑުވެގެންވާ عذاب އެއް އެއުރެންނަށް ހުށްޓެވެ." (3:105)

އަދި ރަސޫލާގެ ހަދީޘެއްގެ މާނާގައިވެއެވެ. "ބަޔަކާއި ވައްތަރުވެ އެބައެއްގެގޮތައް އުޅެއްޖެމީހަކީ އެމިހުންގެ ތެރެއިންވާމީހެކެވެ". މިހަދީޘްއިން އެކަނިވެސް އެބައިމީހުންނާއި އެއްގޮތްވުމަކީ ހަރާމްކަމެއްކަން ދޭހަވާކަމަށް ޝައިހުލް އިސްލާމް އިބުން ތައިމިއްޔާ ވިދާޅުވިއެވެ.

ތިންވަނަ ގޮތަކީ:
ވެލެންޓައިންސް ދުވަހުގެ މަޤްސަދުގެ ތެރޭގައި ލޯބިފެތުރުން ހިމެނެއެވެ. އެއީ މުސްލިމުންނާއި ކާފަރުންނާއި ދެމެދުވެސް މެއެވެ. އެއްވެސް ބަޔަކު ވަކިކުރުމެއްނެތިއެވެ. ޝައްކެއްނެތްގޮތުގައި ކާފަރުންދެކެ ލޯބިވުމަކީ ހަރާމްކަމެކެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅުގެ މާނާގައިވެއެވެ.
"اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނީ، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ أخ ން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ." (58:22)

ހަތަރުވަނަ ގޮތަކީ: ވެލެންޓައިންސް ދުވަހޭކިޔާ ފަހާގަކުރާ ލޯތްބަކީ މުޅިންވެސް އިޝްޤީ ލޯތްބެވެ. ޙައްސަކޮށް ނީންދެ ތިބޭ ދޭދޭ ޒުވާނުންގެ މެދުގައި އެބައިމީހުންގެ އެދުންތައް ފުއްދުމައްޓަކައި ކުރެވޭކަމެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން މުޅިމުޖުތަމަޢު މިއަދު މިވަނީ ފަސާދަވެފައެވެ. މިފަދަ ލޯބީގެ ސަބަބުން އެތައް އެތައް ބައެއްގެ ދިރިއުޅުން ދަނީ ހަލާކުވަމުންނެވެ. ޒިނޭ ދަނީ އާއްމުވަމުންނެވެ.
ތިޔައިގެ ތެރެއިން މީހަކު ބުނުން އެކަށީގެންވެއެވެ. އަހަރެމެން ލޯބިން މަހުރޫމު ކުރަނީހެއްޔެވެ. މިއަދު އަހަރެމެންގެ ހިތުގައިވާ ލޯބި ކިޔައިދީ ދައްކާލުން ފަހެ އެއީ ބޮޑުކަމެއްހެއްޔެވެ؟ މިސުވާލަށް ދޭން އޮތް ޖަވާބަކީ:

ފުރަތަމަ:
މިދުވަހަކީ އެންމެނަށް އާއްމު ދުވަހެކެވެ. ގިނައިން ފާހަގަކުރަނީވެސް މީހުނާ ނީނދެ ތިބޭ މީހުންނެވެ. ވުމާއިއެކު އެފަދަ މީހުންގެ މެދުގައި އޮންނަނީ ހުސް ޝަހުވަތްތެރިކަމުގެ ލޯތްބެވެ. އަނބިފިރކަމުގެ ރިވެތި ލޯތްބެއް ނޯވެއެވެ. އެހެންކަމުން އެދުވަސް ވެގެންދަނީ އެއްވެސް ހުރަހެއްނެތި ހަމައެއްނެތި ޖިންސީ އެދުންތަކާއި ނުބައި ފާހިޝް ދީނީގޮތުން ހަރާމްކަންކަން ކުރެވޭ ދުވަހަކަށެވެ.

ދެވަނައީ: އިސްލާމް ދީނުގައި އަނބިންނާއި ފިރިން އެމީހުންގެ ލޯބި އެކަކު އަނެކަކަށް ދައްކުވައިދެނީ މުޅި އަހަރުތެރޭގައެވެ. ކާޑާއި މަލާއި ސިޓީއާއި ޅެމުން އެމީހުން ލޯބި ފާހަގަކުރެއެވެ. އަހަރަކު އަންނަ އެންމެ ދުވަހަކު އެކަންޏެއް ނޫނެވެ.

ތިންވަނައީ: އިސްލާމް ދީނަށްވުރެ ވަކި މީސްތަކުންގެ މެދުގައި ލޯބިފަތުރާ ދީނެއް ނެތެވެ. އިސްލާމްދީން ގޮވާލަނީ އަބަދުވެސް ލޯބިވުމަށެވެ،. އެންމެ ދުވަހަކު ނޫނެވެ. ކީރިތި ރަސޫލާގެ ހަދީޘެއްގެ މާނާގައިވެއެވެ. "ތިޔަބައިމީހުންކުރެ މީހަކު އޭނާގެ އަޚާދެކެ ލޯބިވާނަމަ ފަހެ ތިބާ ލޯބިވާ ވާހަކަ އެއަޚާ ކައިރީ ބުނާހުށިކަމެވެ." (ރިވާކުރީ އަބޫ ދާއޫދު، ތިރުމިޒީ މި ހަދީޘް ސައްޙަކުރައްވާފައިވޭ) އަދިވެސް އެހެން ހަދީޘެއްގެ މާނާގައިވެއެވެ. "އެ ފަރާތެއްގެ އަތްޕުޅުގައި ތިމަން ރަސޫލާގެ ފުރާނަވާ ފަރާތް ގަންދީ ބުނަމެވެ. ތިޔަބައިމިހުން ފުރިހަމަޔަށް އީންމާންވެއްޖެއުމަށްދާންދެން ތިޔަބައިމީހުން ސުވަރުގެ ނުވަންނަ ހުއްޓެވެ. އަދި ތިޔަ ބައިމީހުންގެ އެކަކު އަނެކެއްދެކެ ލޯބިވެއްޖެއުމަށް ދާންދެން ތިޔަބައިމީހުންގެ އީމާންކަން ފުރިހަމަ ނުވާ ހުއްޓެވެ. ތިޔަބައިމީހުން އެކަމެއް ކޮއްފިނަމަ ތިޔަބައިމީހުން އެކަކު އަނެކަކު ދެކެ ލޯބިވާނޭ ކަމެއް ތިމަން ކަލޭގެފާނު ވިދާޅުވަމުތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ބަދަހިކުރާށެވެ." (ރަވާހު މުސްލިމު)

ހަތަރުވަނައީ: އިސްލާމްދީނުގައި ލޯތްބަކީ ވަރަށް ފުޅާ އެއްޗެކެވެ. ހުރިހާވައްތަރެއްގެ ލޯބިވެސް ހިމެނެއެވެ. ލޯބި މި ބަހުގެ މާނަ އެންމެ ވައްތަރަކަށް ކުޑަކޮއް ނިސްބަތްކުރުން އެއީ ބިރުހުރި ކަމެކެވެ.

ފަސްވަނައީ: މިމީހުން ހީކުރާހެން އިނުމުގެ ކުރިން ރައްޓެހިވެ ލޯބިވުމަކީ ގޯސް ހީކުރުމެއްކަން ހަގީގަތަށް ބަލާލުމުން ފެނިގެންދާނެއެވެ. ޔުނިވަރސިޓީ އޮފް ކައިރޯގައި "ލަވް މެރިޖް" އަދި "ޓްރެޑިޝަނަލް މެރިޖް" ގެ ދިރާސާގައި މިކަން ވަރަށް ސާފުވެއެވެ. އެއީ ލޯބީގެ ހާދިޘާއަކަށްފަހު ކުރާ ކައިވެނި ކާމިޔާބު ކައިވެންޏަކަށްވުމުގެ ރޭޓަކީ 12% އެވެ. އެހެނަސް އެބުނާ ޓްރެޑިޝަނަލް ކައިވެންޏެއްގެ ސަކްސަސް ރޭޓަކީ 70% އެވެ. މިއަދަދުތައް އޭގެ އަމިއްލައަށް އެބަ ވާހަކަ ދައްކާނޫންތޯއެވެ؟
ދެން އެބުނާ ހުޅަނގުގެ ހާލަތު ބަލާލަމާތޯއެވެ. މިތަނުގައި ހުޅަނގުގެ ހާލަތު މިބަލަނީ ތިޔަ އެއްޗެއް ފާހަގަކުރާ ބަޔަކުވެސް ފާހަގަކުރުމަށްޓަކައި އެބައިމީހުން މިސާލަކަށް ނަގާތީ އެކަން އެގޮތަށް ކުރާބައެއްގެ ހާލު ބެލުމުގެ ގޮތުންނެވެ.
1. 1987 ހެދި ދިރާސާއަކުން ދައްކާގޮތުން އެބައިމީހުންގެ ތެރެއިން 79% އެބައިމީހުންގެ އަނބީންނަށް އަނިޔާކުރެއެވެ.
2. ނެޝެނަލް އެމެރިކަން އޮފީސް ފޯ މެންޓަލް ހެލްތް އިން ކުރި ދިރާސާއަކުން ދައްކާގޮތުގައި އެމެޖެންސީ ރޫމަށްގެނެވޭ އަންހެނުންގެ 12% އަކީ އެބައިމީހުންގެ ފިރީން ނުވަތަ ބޯއީ ފޮރެންޑުން އަނިޔާކޮއްގެން ގެނެވޭ މީހުންނެވެ. އަދި އޭގެ ކުރިން އަނިޔާގެ ސަބަބުން އެނދުމަތިކުރެވުނު މީހުންގެ 83% އަކީ މިފަދައިން ތަޅާ އަނިޔާލިބިގެން އެނދުމަތިކުރެވުނު މީހުންނެވެ.
3. ސެންޓްރަލް އެމެރިކަން އެޖެންސީ ފޯ އެގްޒާމިނޭޝަން (އެފް. ޕީ. ޓީ) އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެމެރިކާގައި ކޮންމެ 18 ސިކުންތެއްގެ ތެރޭގައި ފިރިއަކު އޭނާގެ އަނބިމީހާގައިގައި ތަޅައެވެ. ފްރާންސާއި ބްރިޓްންގެ ހާލަކީވެސް ހަމަ މިއީއެވެ.

މި ދުވަސް ފާހަގަކުރުމާއި ބެހޭގޮތުން މަޝްހޫރު ޝެއިޚު މުޙައްމަދު ބިން ޞާލިޙުލް އުޘައިމީން ވިދާޅުވަނީ މިފަދައިންނެވެ.

" އައްސަލާމް އަލައިކުމް. ވެލެންޓައިންގެ ދުވަސް ފާހަގަކުރުން ހުއްދަ ވެގެން ނުވެއެވެ. ސަބަބަކީ ފުރަތަމައަށް އެއީ ޝަރީޢަތުގައި ފާހަގަކުރަން އެއްވެސް އަސްލެއް ނެތް ޢީދަކަށް ވާކަމަށްޓަކައެވެ. ދެވަނައަށް އެދުވަސް ގޮވާލަނީ ލޯބިވުމަށާއި އަދި ގައިގޯޅިވުމަށެވެ. ތިންވަނައަށް އެދުވަސް ގޮވާލަނީ އަހަރެމެންގެ ހިތްތައް ސަލަފުން ގެންނެވި މަގުނޫން އެހެންމަގުތަކާއި ދުރުގައިވާ ގޮތްތަކުގައި މަޝްޣޫލުކޮށް ހެޔޮމަގުން އެއްކިބާ ކުރުމަށެވެ.

އެހެންކަމުން އެދުވަހާއި ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިވުމަކީވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. އެއީ އެދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ކެއުމެއް އަދި ބުއިމެއްކަމުގައިވިޔަސް، އަދި އެދުވަސް ފާހަގަކުރުމުގެ ގޮތުން ދޭ ހަދިޔާ (ގިފްޓު) އެއް ކަމުގައިވިޔަސް، އަދި އެދުވަހާއި ގުޅިގެން ފާހަގަކުރުމަށް ހެދުން ލާ ކަމުގައި ވިޔަސް މިއިން އެއްވެސް ކަމަކީ ހުއްދަވެގެން ވާނެ ކަމެއް ނޫނެވެ.
މުސްލިމުންގެ މައްޗަށް ވަނީ އިސްލާމްދީނުގައި ހިފަހައްޓައި އެދީނުގެ މައްޗަށް ފަހުރުވެރިވުމެވެ. އަދި އަސްލެއްނެތް ޖާހިލު ގޮވާލުންތަކަށް ކަނު ލޯތްބެއްގައި ބޯލެނބުމެއް ނެތެވެ. " ( 11 ފެބުރުއަރީ 2000)

ކާފަރުންގެ ޢީދެއް ނުވަތަ އެނޫންވެސް ދުވަހެއް ފާހަގަކުރުމާއި ބެހޭގޮތުން
އިބުނު ތައިމިއްޔާ ރަޙިމަޙުﷲ ދެއްވާފައިވާ ފަތުވާ

އެކަލޭގެފާނުގެ ފޮތުގައި އިޤުތިދާއުލް ސިރާތުލް މުސްތަގީމްގެ ފުރަތަމަ އަދަދުގެ ސަފުހާ 470 ގައި ލިޔުއްވާފައިވެއެވެ.
" (ކާފަރުންގެ) އީދުދުވަސްތަކާއި އަދި ބަންދު ދުވަސްތަކުގެ ވާހަކަ ދައްކާއިރު އެތައް ގޮތަކުން ބަލާ ވިސްނަން ޖެހެއެވެ. ފުރަތަމަ ޢީދުތަކާއި ބަންދު ދުވަސްތައް އަންނަނީ ފުޅާ ގޮތްތަކަކާއި އަދި ޤަވާއިދުތަކާއި އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތިޤުރުއާނުގައި ބަޔާންކޮށްދެއްވާފައިވާ ފަދައިން ކޮންމެ ޤައުމަކަށް އެބަޔަކު ފާހަގަކުރާނެ ހާއްޞަ ކަންތައްތަކެއް ވެއެވެ. މިސާލަކަށް ޤިބުލައަށް ކުރިމަތިލުމާއި، ނަމާދު ކުރުމާއި އަދި ރޯދަހިފުމެވެ. އެބައިމީހުންގެ ބަންދު ދުވަސްތަކަށް އެއްބައިވުމަކީ އެބައިމީހުންގެ ކާފަރުކަމާއި އެއްބައިވުމެވެ. އަދި އެބައިމީހުންގެ ދީނުގެ ކުދިކަންކަމަށް އެއްބަސްވުމެވެ. (ނުވަތަ ރުހުން އޮތްކަން ހާމަކުރުމެވެ. ) އެއީ ކާފަރުކަމުގެ ވަކި މިންވަރަކަށް ތަބާވެވެނީއެވެ. ހަޤީޤަތުގައި އެބައިމީހުންގެ ޢީދުތަކާއި އަދި ބަންދު ދުވަސްތަކަކީ އެބައިމީހުން މުސްލިމުންނާއި އެންމެ ބޮޑަށް ފާހަގަކޮށްދޭ ދުވަސްތަކެވެ. ޙާއްޞަކޮށް އެބައިމީހުންގެ އީދުދުވަސްތަކެވެ. ( މިސާލަކަށް ވެލެންޓައިންސް ދުވަސް ފަދަ ދުވަސްތަކެވެ) މިބަޔަށް އެއްބަސްވުމަކީ ކާފަރުކަމުގެ އެންމެބޮޑަށް ފަރަޤުކޮށްދޭ ކަންކަމަށް އިއުތިރާފުވުމެވެ. އެހެންކަމުން އެކަމަށް އެއްބަސްވެ ވަކިބަޔަކަށް އިއުތިރާފު ވުމަކީ ދީނުން ތިމާ ނަފީކުރަމުން ގެންދާނެ ކަންކަމެވެ. އެންމެ ފަހުން އޭނާ ދީނުން ބޭރުވެފައިވާ ހާލަށް މިފަދަ އަމަލުތައް ވައްޓާލައެވެ. " ( އެބަހީ މުރުތައްދުވެފައިވާ ހާލަތަށް ވައްޓާލައެވެ)

އެންމެ ކުޑަމިނުން ކާފަރުންގެ ޢީދުތަކުގައި ތަހުނިޔާ ފޮނުވުންވެސް ހުއްދައެއްނޫނެވެ.
އިމާމް އިބުނު ޤައްޔިމުގެ ފަތުވާ

މިކަމާއި ބެހޭގޮތުން އިބުނު ތައިމިއްޔާގެ އެންމެ މަޝްހޫރު އެއްދަރިވަރުކަމަށްވާ އިމާމު އިބުނު ޤައްޔިމު އެކަލޭގެފާނުގެ ފޮތްކަމުގައިވާ އަޙުކާމުލް ޛިއްމާ މިފޮތުގެ ފުރަތަމަ އަދަދުގެ 205 ވަނަ ސަފުހާގައި ބަޔާން ކުރައްވައެވެ.
މުސްލިމުނޫން މީހުންގެ ޙާއްޞަ ހަފުލާތަކާއި ޢީދުގައި ތަހުނިޔާކިޔާ މަރުހަބާކިޔުން، މިސާލަކަށް އެމީހުންގެ ޢީދެއްގައި އެމީހުންނަށް "ބަރަކާތްތެރި އީދެއް ތިބާއަށް އެދެން " (މިޒަމާނުގެ ބަހުން ބުނާނަމަ ކޮންގުރާ ކިޔުން) ނުވަތަ އެނޫންވެސް އިބާރާތަކުން ތަހުނިޔާ ކިޔުމަކީ ޢިލްމުވެރިން އެއްބަސްވެފައިވާ ގޮތުގައި ޙަރާމްކަމެކެވެ. އެއިބާރާތް ގެންނަ މީހަކީ މުރުތައްދުވުން ނުން ޝިރުކުގެ އަމަލަކާއި ގާތްވެފައިނުވާ މީހެއްކަމުގައި ވިޔަސް އެކަން ވަނީ ޙަރާމްވެގެންނެވެ. އަދި އެބައިމީހުންގެ ޢީދުތަކާއި ނުވަތަ އެނޫންވެސް ހަފުލާތަކުގައި އެބައިމީހުންނަށް ތަހުނިޔާކިޔާ (މަރުޙަބާ ކިޔުމަކީ) އެބައިމީހުން ޞަލީބަށް ސަޖިދަ ކުރުމުން ތަހުނިޔާކިޔުން ކަހަލަ ކަމެކެވެ. މިއީ އެބައިމީހުން ރާ ބުއިމުންނާއި، ޒިނޭ ކުރުމުން ތަހުނިޔާ ކިޔުމަށްވުރެ މާ ބޮޑުވެގެންވާ ފާފައެކެވެ.

ދީންނުދަންނަ ނުވަތަ ދީންވެރިނޫން އެތައްބަޔަކު މިފަދަ ޢަމަލުތައް ކުރާ އިރު އެބައިމީހުންނަށް ކުރެވޭ ޢަމަލުގެ ނުބައިކަމާއި ޝައިތާނީކަން އެބައިމީހުންނަށް ހަޤީޤަތުގައި ނޭންގެއެވެ.
އެއްވެސް ފާފައެއް ކުރުމުން ނުވަތަ ޝިރުކުގެ ޢަމަލެއް ކުރުމުން އެ އަމަލަކަށް ތަހުނިޔާ ކިޔުމަކީ ﷲ ތަބާރަކަ ވަތަޢާލާގެ ނުރުއްސެވުމާއި އަދި ބޮޑުވެގެންވާ އަޒާބަށް ހުށައެޅިފައިވާ މީހެކެވެ. ޞަލަފުންގެ ބޭކަލުން މިފަދަ ފާފަކުރާ ނުވަތަ ޖާހިލު މީހުންތައް ބޮޑެތި މަޤާމުތައް ލިބުމުން އެބައިމީހުންނާއި ތަހުނިޔާ ކިޔުމުން ދުރުވެފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަޒާބުން ސަލާމަތްވުމަށާއި އަދި އެއިލާހުގެ ރަޙުމަތުން ބޭރުނުވުމަށްޓަކައެވެ. އަދި ފާފައެއް ކުރާ މީހެއް މުންކަރާތަކުން ސަލާމަތް ކުރުމަށްޓަކައި އޭނާގެ ގާތަށްގޮސް ރީތިބަހުން ވާހަކަދެއްކުމަކުން އެކަމުގައި ގޯހެއްނެތެވެ. "
އަޅުގަނޑުގެ ދުޢާއަކީ މިލިޔުންކިޔާ ކޮންމެ މީހަކަށް މިއިން ފައިދާކުރުމެވެ. އަދި އަޅަމެންގެ ޙާލަތު އިސްލާހުކޮއް ހެޔޮލަފާ ޞާލިޙު އަޅުންފަދައިން ދުނިޔޭގައިއުޅެ އާޚިރަތުގައި ކާމިޔާބުލިބޭ ނަސީބުވެރިންކަމުގައި އަޅަމެން އެންމެން ލެއްވުމެވެ. އާމީން!

ރެފަރެންސް:
http://www.islamqa.com
http://www.dheenee-news.com
http://aruoxam.blogspot.com

No comments:

Post a Comment