22 October 2010

ޙަޤީޤީ ނިޢުމަތަކީ މާރސިޑިސް ކާރެއްތަ؟

އިބުން އަބޫ މުޙައްމަދު



އެންމެހާ ޙަމްދު ޘަނާ ޙައްޤުވެގެންވަނީ ގަދަ ކީރިތި ވަންތަ މާތް ﷲ ޞުބުހާނަހޫ ވަތަޢާލާއަށެވެ. އަދި ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ މިއުއްމަތައް ރަޙުމަތެއްކަމުގައި ފޮނުއްވެވި އަޅުގަނޑުމެންގެ ލޮބުވެތި މާތް ނަބިއްޔާ މުޙައްމަދުގެފާނަށެވެ. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އެންމެހާ އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަމެވެ.

އަޅުގަނޑުމެން ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ ކޮންމެ ވަގުތަކީ ފާއިތުވުމަށްފަހު އެނބުރި ނުލިބޭނޭ ގޮތަށް ފާއިތުވެގެންދާ އެއްޗެކެވެ. ޖާހިލުކަމުގެ ގަދަ ނިދީގައި ނިދާފައި ތިބިކަމުގައިވީނަމަވެސް ނުވަތަ ދުވާލުދާ ހަތަރުދަމު އަޅުކަމުގައި އުޅުންކަމުގައިވީ ނަމަވެސް އެމީހެއްގެ އަޖަލު ފުރިހަމަކުރުމަށްފަހު ކޮންމެ މީހަކީވެސް އެމީހެއްގެ ވެރިރަސްކަލާނގެ ޙަޟްރަތައް އެނބުރި ރުޖޫޢަވާނޭ މީހެކެވެ. ހަމަ ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅަކީވެސް ރުހުނަސް ނުރުހުނަސް ނަރަކައިގެ އަޒާބު ނުވަތަ ސުވަރުގޭގެ އުފާ ހާސިލްކުރާނޭ މީހެކެވެ.


އަޅުގަނޑުމެން މިހުރިހާކަމެއް ދަންނަމުއެވެ. މަރަށް ފިލަން ނުދެވޭނެކަން ދަންނަމުއެވެ. އެހެނަސް އެއަށްޓަކައި ތައްޔާރުވަނީ މަދުބައެކެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަނީ މަދު ބައެކެވެ. ކޮންމެއަކަސް ދައްކަން މިއުޅެނީ މުޅިން އެހެންވާހަކައެކެވެ. އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢުމަތްތަކުގެ ވާހަކައެވެ. ސުވާލެއް ކޮއްލަމުތޯއެވެ؟ ތިޔަ އަޚާއަށް ނުވަތަ އުޚުތާއަށް ކިހާ ނިޢުމަތެއް ލިބިފައިވޭތޯއެވެ؟ އެނިޢުމަތްތަކައް ޝުކުރުވެރި ވުމުގެ ގޮތުން ކުރީ ކީއްތޯއެވެ؟


މާތް ﷲ ކީރިތި ޤުރުއާނުގައި އަލް-ބަޤަރާ ސޫރަތުގެ 172 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ:
يَا أَيُّهَا الَّذِينَ آَمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ!"


މިއީ މާތް ﷲ އަށް އަޅުގަނޑުމެން ޝުކުރުކުރަން ޖެހޭކަން އަންގަވާ ބަޔާން ކޮއްދީފައިވާ އާޔަތެކެވެ. އެހެނަސް އަޅުގަނޑުމެންނަށް ޝުކުރުކުރެވެނީ ކިހާ ވަރަކަށްތޯއެވެ. ކަމެއް ދިމާވުމުން އަޅުގަނޑުމެން އަޅުގަނޑުމެންގެ ބަދު ނަސީބުކަމާއިމެދު ވިސްނާ އެކަމާއި ރޮއެ ހަދަމުއެވެ. އެކަމަކު އަޅުގަނޑުމެން އަޅުގަނޑުމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކާއިމެދު ޣާފިލުވެފައިވާ މިންވަރު ހިތައް ތަސައްވަރުވެސް ނުކުރެވެއެވެ. އެނިޢުމަތްތަކަށް ފުރަގަސްދެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ކިތައް މީހުންތޯއެވެ؟


މިތަނުގައި ނިޢުމަތް ލިބިގެންވާ ބައެއްގެ ވާހަކަ ޒިކުރު ކޮއްލާނަމެވެ. މިވާހަކަތައް މި ލިޔެލަނީ ހިތްހަމަ ޖައްސާލުމައް ކިޔުމައްޓަކައެއް ނޫނެވެ. އެހެނަސް އެއިން އިބުރަތެއް ހާސިލްކުރުމަށެވެ. މިއީ ޝޭހަކު ކިޔައިދީފައިވާ ވާހަކައެކެވެ. އެވާހަކަ އެކިޔައިދިންގޮތައް ލިޔެލެވޭތޯ ބަލާނަމެވެ.


ހެޔޮލަފާ މީހުންގެ ތެރެއިންވީ ހެޔޮލަފާ ޞާލިހު މީހެކެވެ. އަހަރެން އޭނާ ދަންނަމެވެ. މާތް ﷲ އޭނާއަށް މުދާ ދެއްވިއެވެ. އެނާއަކީ ދީންވެރިންގެ ތެރެއިން މީހެކެވެ. އެހެނަސް... އޭނާވަނީ ރަނގަޅު ސިއްހަތެއްގެ ނިޢުމަތުން މަޙުރޫމްވެފައެވެ. އޭނާގެ މޭ ވަނީ ޓްރާންސްޕްލާންޓް (ބަދަލު) ކޮއްފައެވެ. އޭނާ ހަކުރުބައްޔާއި ލޭމައްޗައް ދިއުން ތަހައްމަލުކުރެއެވެ. ދަރިން ލިބުމުގެ ނިޢުމަތުންވެސް ވަނީ މަޙުރޫމް ކުރެވިފައެވެ. ބިލިއަނަރެކެވެ. އެހެނަސް ދަރިން ލިބުމާއި ހެޔޮ ސިއްހަތުންވަނީ އޭނާ މަޙުރޫމް ވެފައެވެ.


އެނާ އަހަރެންނަށް އެއްފަހަރަކު ކިޔައިދިނެވެ. "ﷲ ގަންދީ ބުނަމެވެ. އޭ ޝައިޙު މުޙައްމަދެވެ! އަހަރެން އެއްފަހަރަކު އަހަރެންގެ ކާރުގައި ދުއްވާފައި ދިޔައީމެވެ. އެއީ މަރސީޑިސް އެންމެ ފަހުގެ މޮޑެލްއެކެވެ. އަހަރެން ދުއްވާފައިދިޔަ މަގުމަތީ އަހަރެންގެ އަޚު މަސައްކަތު ބައެއްގެ ކައިރީން ދިޔައީމެވެ. އެއީ ހެޔޮ ފިތުރަތެއްގައި ތިބި ރަނގަޅު ބައެކެވެ. ކުއްލިއަކަށް އެތަނުން އެއް ޒުވާނަކު އަހަންނަށް އިޝާރާތްކޮށް ބުނާއަޑު އިވުނެވެ. "އާއެކެވެ! ދުނިޔޭގައި އުޅެނީ މިމީސްމީހުންނެވެ. ހަޤީޤަތުގައި ދިރިއުޅުމަކީ އެއީއެވެ."" އޭނާ ބުންޏެވެ. "އަހަރެން އެ އަޑު އިވިފައި ކާރު މަޑުކުރީމެވެ. އަދި އެނބުރި ފަހަތައް ދާންފެށީމެވެ. އެ ޒުވާނުންނަށް އަހަރެން އަނބުރާ އަންނަތަން ފެނިފައި އަވަހަށް ފިލަންދާންފެށިއެވެ. އަހަރެން ބުނީމެވެ. ނޫނެކެވެ. މަޑުކޮއްބަލާށެވެ! ނުދުވާށެވެ. ﷲ ގަންދީ ބުނަމެވެ، ކަލޭމެން އަހަރެން ދެކެ ބިރުގަންނާކަށް ނުޖެހެއެވެ. އަހަރެންމީ ރަނގަޅު މީހެކެވެ. އެމީހުން ބުންޏެވެ. ﷲ އަށްޓަކައި އަހަރެމެންނަށް މާފުކޮއްދޭށެވެ. އަހަރެން ބުނީމެވެ. ﷲ ގަންދީ ބުނަމެވެ، އޭ ދަރީންނެވެ، ތިޔަކުދިން އަހަރެންދެކެ ބިރުގަންނާކަށް ނުވެއެވެ.


ދެން އަހަރެން ބުނީމެވެ. އަހަރެންނަށް ދެންމެ އަޑު އިވުނު ބަހެއް ބުނީ ތިޔައިގެ ތެރެއިން ކޮން ކުއްޖެއްހެއްޔެވެ؟ އެމީހުން ބުންޏެވެ. ﷲ ގަންދީ ބުނަމެވެ (والله މިއީ އަރަބީންގެ އާއްމު ބަހެކެވެ. މީގެ މާނައަކީ ގަސްދުގައި ހުވާކުރުމެއް ނޫނެވެ.)، އަހަރެމެންގެ ތެރެއިން މީހަކު އެއްޗެކޭ ނުބުނެއެވެ. އަހަރެން ބުނީމެވެ. އަހަރެންގެ ދަރީންނޭވެ، ތިޔަކުދީން ހާސްނުވާށެވެ، ހަމަ އެކަނި އެހެން ބުނި ކުއްޖަކު ބުނެބަލާށެވެ.


އެތަނުން އެއްކުއްޖަކު އެވަގުތު ބުންޏެވެ. އެހެން ބުނީ އަޅުގަނޑެވެ. ﷲ އައްޓަކައި އަހަންނަށް މާފުކުރާށެވެ. އަހަންނަށް މާފު ކުރާށެވެ. އަހަރެން އޭނާއަށް ބުނީމެވެ. ދަރިފުޅު ކުރަނީ ކޮންމަސައްކަތެއް ހެއްޔެވެ؟ އެނާ ޖަވާބުގައި ބުންޏެވެ. އަހަންނަކީ (ކޮންސްޓްރަކްޝަން) މަސައްކަތު މީހެކެވެ.

"އެންމެ ރަނގަޅެވެ. އެހެންވެއްޖެޔާ ދަރިފުޅު އުޅެނީ މީހަކާ އިނދެގެން ހެއްޔެވެ؟" އެޒުވާނާ ބުންޏެވެ. "އާއެކެވެ. ޙަމްދު ހުރީ ﷲ އަށެވެ"

އަހަރެން އެހީމެވެ. "ކަލޭގެ ދަރިން އެބަހުރި ހެއްޔެވެ؟" އެނާ ޖަވާބުގައި ބުންޏެވެ. "އަހަރެންގެ 4 ދަރީން ތިބެއެވެ. 2 ފިރިހެންކުދީންނާއި 2 އަންހެން ކުދީންނެވެ."

އަހަރެން ބުނީމެވެ. "މާޝާ ﷲ! ދަރީންގެ ހާލު ރަނގަޅު ހެއްޔެވެ؟" އެނާ ބުންޏެވެ. "ފިނިފެންމަލެއް ފަދައެވެ. (ހާލު ކިތަންމެހާވެސް ރަނގަޅެވެ."

"އެންމެ ރަނގަޅެވެ. ހުރިހާކަމެއްވެސް ރަނގަޅު ހެއްޔެވެ؟" ޖަވާބުގައި ބުންޏެވެ. "الحمد لله"

"ކަލޭގެ ހާލު ރަނގަޅު ހެއްޔެވެ؟" އެނާ ބުންޏެވެ. "ވަރަށް ރަނގަޅެވެ."

އަހަރެން އެހީމެވެ. "ދުވަހަކުވެސް ބީންސް ކެއިންހެއްޔެވެ؟" ޖަވާބުގައި އޭނާ ބުންޏެވެ. "އަހަރެމެން އެނޫން އެއްޗެއް ކަން ހެއްޔެވެ؟" (މާނައަކީ އަބަދުވެސް އަހަރެމެން ކަމެވެ.)

"ތައުމިއްޔާ (ޙާއްސަ ޑިޝްއެއް) ކަންހެއްޔެވެ؟" އެނާ ބުންޏެވެ. "ކޮންމެ ދުވަހަކުވެސް ކަމެވެ."

އަހަރެން ބުނީމެވެ. "ދަރިފުޅާ އެންމެ ރަނގަޅެވެ. އަހަރެންގެ މޭ ވަނީ ޓްރާންސްޕްލާންޓް ކޮއްފައެވެ. އަދި އަހަރެންގެ ދަރީންނެއްވެސް ނުހުރެއެވެ. ކަލޭ، ކަލޭގެ އާރާއިބާރު އަހަރެންގެ ހުރިހާ އެއްޗެއްގެ ބަދަލުގައި ދީފާނަމުހެއްޔެވެ؟ ކަލޭ އަހަރެންގެ މިބުރަ ނަގާ އަމިއްލައަށް އުފުލަފާނަންހެއްޔެވެ؟ ދަރިފުޅާއެވެ. ދަރިފުޅުގެ އެންމެ ކުއްޖަކުވެސް އަހަރެންގެ މި ހުރިހާއެއްޗެއްގެ ބަދަލުގައި އަހަންނަށް ދޭންކެރިދާނެ ހެއްޔެވެ؟ ކަލޭ ކަލޭގެ މޭ އަހަންނަށް ދޭން ބޭނުންވޭހެއްޔެވެ؟ ކަލޭގެ ހެޔޮ ސިއްހަތު އަހަންނަށް ދޭން ބޭނުންވޭހެއްޔެވެ؟ އަހަރެންނަށް ބީންސް ކެވޭނެ ނަމައޭ އަހަރެން ހިތައް އަރައެވެ. ބޭނުންވެއެވެ. އެހެނަސް އަހަންނަކަށް ނުކެވެއެވެ. އަހަރެން ބައެއްފަހަރު ތައުމިއްޔާ ވިއްކާ މީހުންގެ ކައިރިން ދާއިރު އޭގެ މީރުވަހުގެ ސަބަބުން އެ ކެވޭނެނަމައޭ ހިތައް އަރައެވެ. އެހެނަސް އެއީ ނުވާނޭކަމެކެވެ. އޭ ދަރިފުޅާއެވެ. އަހަންނަކީ އަބަދުވެސް މިވެނި އެއްޗެއް ކާށެވެ، މިވެނި ވަރަކަށް ނުނީ ނުކާށެވެ، މިހެން ވިސްނަ ވިސްނަ ހުންނަ މީހަކީމެވެ. ކަލޭ މިހުރިހާ އެއްޗެއް ގެންދިއުމަށްފަހު ކަލޭގެ އާރާއިބާރު އަހަންނަށް ދޭން ކެރިދާނެހެއްޔެވެ؟ " ޖަވާބުގައި އޭނާ ބުންޏެވެ. "ނޫނެކެވެ! ކަލޭގެ ވާހަކައަށް ބިނާކޮށް ބުނަމެވެ. ﷲ ގަންދީ ބުނަމެވެ. އަހަރެމެންނަށް މާފުކޮއްދޭށެވެ. މާތް ﷲ ކަލޭގެ ސިއްޙަތު ރަނގަޅު ކުރައްވާށިއެވެ!"


މިއީ މާތް ﷲ ފިޔަވައި އެހެން މީހުނަށް އެނގިގެންވާ ކަންކަންކަމެއް ނޫނެވެ. ވީމާ އަޅުގަނޑުމެން ކަމެއްވުމުން މިވެނި މީހަކު ހާދަ އުފަލެއްގައޭ އުޅެނީ ބުނާއިރު އެމީހެއްގެ ހާލު އެންމެ ރަނގަޅަށް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. އަޅުގަނޑުމެންނަށް އެތައް ނިޢުމަތްތަކެއް ދެއްވާފައި ވެއެވެ. އަދި އަޅުގަނޑުމެންނަށް ދެއްވާފައިވާ އެތައް ނިޢުމަތަކުން މަޙުރޫމްވެފައިވާ އެތައް ބަޔަކު ދުނިޔޭގައިއުޅެއެވެ. އެހެނަސް އަޅުގަނޑުމެން އެއިން ނިޢުމަތަކަށް ޝުކުރުވެރިވީ ކިހާވަރަކަށްތޯއެވެ؟


މާތް ﷲ އެކަލާނގެ ނިޢުމަތްތަކަށް ޝުކުރުކުރާމީހާއަށް ހުރިހެވާއި އަދި އެ ނިޢުމަތްތަކަށް ކާފިރުވީމީހުންނަށް އަޒާބުގެ އިންޒާރު ދެއްވައި ހަތް އުޑުމަތިން ބާއްވާލެއްވި ކީރިތި ޤުރުއާނުގެ އިބުރާހީމް ސޫރަތުގެ 7 ވަނަ އާޔަތުގައި ވަޙީކުރައްވަނީ:
وَإِذْ تَأَذَّنَ رَبُّكُمْ لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ

"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާންގެ އެންގެވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮއްފިނަމަ، ހަމަކަށަވަރުން ތިމަންރަސްކަލާންގެ ތިޔަބައިމީހުންނަށް އިތުރުކޮއްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ."


މާތް ﷲ އަޅަމެންނަކީ އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުކުރާ ބަޔަކުކަމުގައި ލައްވާ އަޅަމެންގެ ނިޢުމަތްތައް އިތުރުކުރައްވައި ރާއްޖޭގެ ކުރިމަގު އަމާންކުރައްވައި އިސްލާމްދީނުގެ ލޯބި ދިވެހިންގެ ހިތްތަކުގައި ޖައްސަވާފާންދޭވެ. އާމީން!

1 comment:

  1. beautiful storey
    A lesson for anyone who reads this

    ReplyDelete