12 May 2010

މަންމަގެ ޙިދުމަތް


ޔޫސުފް-47

"މަންމާއެވެ. މަންމަގެ ތިބަލިން މިންޖުވިމަކީ އަހަރެންގެ ދުއާއެވެ. މާތްﷲ މަންމައަށް އަވަސް ސިފާއެއް ދެއްވާށިއެވެ. މަންމަގެ ހެޔޮހާލުގައި މަންމަ އާއި ބައްދަލު ވުމަކީ އަހަރެންގެ އެދުމެވެ."
ގުރޭޑު ހަތަރެއްގެ ދިވެހި ގަނޑީގައި މުދައްރިސް ސުވާލެއް ކުރެއްވިއެވެ. މަންމަ އާއި ބައްޕަގެ ތެރެއިން އެންމެ ލޯބިވަނީ ކާކު ދެކެ ހެއްޔެވެ؟ ކުލާހުގެ ކުދިން ވަރަށް ފަސޭހަ ކަމާއެކު ޖަވާބު ދެމުން ގެންދިޔައެވެ. އެއްބައި ކުދިން މަންމައޭ ބުނެއެވެ. އަނެއްބައި ކުދިން ބައްޕައޭ ބުނެއެވެ. އެކުލާހުގައި އިން އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަވެސް ވަރަށް ފަސޭހަކަމާއެކު އަހަރެން އެންމެ ލޯބިވަނީ ބައްޕަ ދެކެއޭ ބުނެ ޖަވާބުދީ ނިންމާލިއެވެ.
ނަމަވެސް އަހަރެންނާ އެސުވާލު އަމާޒުވުމުން އަހަރެންނަށް އެރީ ހުއްޓުމެވެ. އަނގަޔަށް އައިހާ ޖަވާބަކީ، ދެމިހުންދެކެވެސް ލޯބިވަނީ އެއްވަރަކަށެވެ. އެދުވަހު އަހަރެންގެ ޖަވާބު ބަދަލުކުރުމަށް މުދައްރިސްކުރި މަސައްކަތް ބޭކާރުވި ނަމަވެސް އަހެރެންގެ ދައްތަދިން ޖަވާބާމެދު އަހަރެން ކުޑަކޮއްވެސް ހައިރާނެއްނުވެއެވެ.

ބައްޕަ ރަށަށް ވަޒީފާ ބަދަލުކުރީ މިގެއަހަރުތަކެއްކުރިންނަމަވެސް، އަހަރެން އެންމެ ކުޑައިރުން ފެށިގެންވެސް ބައްޕަ ވަޒީފާ އަދާކުރައްވަމުން ގެންދެވީ ރަށުންބޭރުގައެވެ. ބައްޕަ ޗުއްޓީގައި ރަށަށް އަންނަވާ ދުވަހަކީ އަބަދުވެސް ޙާއްސަ ދުވަހެކެވެ. އެއާއި ޚިލާފަށް މަންމަ އަބަދުވެސް ލޯކުރިމަތީގައި ފެންނަންހުރެއެވެ. އެ ޙާއްސަވާނީ ކޮންގޮތަކުން ހެއްޔެވެ؟ މީގެ އިތުރުން ބައްޕަ އަބަދުވެސް ރަނގަޅު ކަމަށް ފެނެއެވެ. މަންމަ ބައްޕަގެ މައްޗަށް ޙާއްސަވާން ކުރީ ކޮންކަމެއްހެއްޔެވެ؟

މިސުވާލަކީ، އަހަރެންނަށް ޖަވާބު ލިބުމަށް އަހަރުތަކެއްނެނގި ސުވާލެކެވެ. ރާއްޖޭން ބޭރުން ކިޔަވަން ފެށިހިސާބުން އަހަރެންގެ ހަޔާތުން އެތަށް ކަމެއް އުނިވެއްޖެކަން އިހުސާސް ވިއެވެ. ތިންއަހަރު ފަހުންވެސް އެގެއްލުންތަށް ފޫނުބެއްދުނެވެ. އެންމެ ފުރަތަމަ އަހަރުން ފެށިގެންވެސް ބައެއް ދުވަސް ދުވަހު ނުހޭލެވިގެން ކުލާސްތައް ގެއްލެއެވެ. އަދިވެސް އެކަންތަށް މުޅިން ހައްލު ނުވެއެވެ. ކޮލެޖް ކެންޓީން ބަންދުވެއްޖެއްޔާ ބިސްކޯދާ ސޯޑާއިން ފުއްދާލުމަކީ މިއަދު އަހަރެންނަށް އާކަމެއްނޫނެވެ. ހެނދުނު ބަނޑަށް އެއްޗެއްނުލާ ކުލާހަށް ދިޔުމުގެ ސަބަބުން ކުލާހުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ނުހިފުމަކީ މަދުން ވާކަމެއްނޫނެވެ. އެއްޗެހި ދޮވުމަކީ ކުރަން ބުރަ މަސައްކަތްތަކުގެ ލިސްޓަށް އެރީ އެކަން އަމިއްލައަށް ކުރަން ޖެހުނު ދުވަހުން ފެށިގެންނެވެ.

އަހަންނަށް އެނގޭހާވެސް ކަމަކީ މިހުރިހާ ކަމެއްވެސް މީގެ ތިންއަހްރު ކުރިން ވަރަށް ތަފާތު ކަމެވެ. ބާރަ އަހަރު ރަށު ސުކޫލުގައި ކިޔެވީމެވެ. ބަލިވެގެންނޫނޫ ކުލާހެއް ނުގެއްލޭތާނގައި ގަނޑިޖެހުނު ދުވަހުގެ އަދަދަކީ ސުމެކެވެ. ހަމައެކަނި ސަބަބަކީ މަންމަ އަބަދުވެސް އަހަރެން ގަޑިޔަށް ބަރާބަރަށް ހޭލައްވާތީއެވެ. އޭރު ދުވަހަކުވެސް ބަނޑުހައިވެގެން ހުންނާކަށް ނުޖެހެއެވެ. ސުކޫލަށް ދިޔުމުގެ ކުރިން ސައިތަށްޓެއް ނަމަވެސް ބޯލުމަށް ބުނާބުނުމަކީ މަންމަގެ ކޮންމެ ދުވަހެއްގެ އާދައެވެ. މަންމަގެ މީރު ކެއްކުންތަށް އޭރުލިބި ލިބި ހުރީތީ އެއީ މާ ޙާއްސަ އެއްޗެކޭ ހިޔެއްނުވެއެވެ. ބަލި އެނދުގައި އޮވެވެސް ކާގަނޑިއަށް ކާން ހަނދާ ހެދުން އެއީ މާބޮޑު އެއްޗަކަށް އަހަރެން ނުހަދަމެވެ. ހަފްތާއަކު ދެދުވަހު ދޮންނަ އަންނައުނުތަށް އެއީ އަހަރެންގެ ސަމާލުކަމަށް އައި ކަމެއްނޫނެވެ.

މަންމަގެ ޙިދުމަތްތަކާ ބެހޭގޮތުން ފޮތެއްލިޔެލުމަކީ އުދަނގޫކަމަކަށް ވާނެއެކޭ މިއަދު އަހަރެންނެށް ނުބުނާނަމެވެ. އަދިވެސް މަންމައެއްގެ ޙިދުމަތް އެންމެ ފުރިހަމައަށް އަހަންނަށް އިހުސާސް ނުކުރެވިދާނެއެވެ. އެހެންނަމަވެސް އަހަރެންނަށް ޔަޤީންވާ އެއްކަމެއް އެބައޮތެވެ. މަންމައެއްގެ ރޯލު އަދާކުރުމަކީ ފަސޭހަކަމެއްނޫނެވެ. އެއީ ހިތްވަރުހުރި ކެއްތެރިއަކަށްނޫނީ ވާނެކެމެއްނޫންކަން އަހަންނަށް ހަމަ ޔަޤީނެވެ. ފިރިހެނަކަށްވެ ހުރެނަމަވެސް މިހެން މިބުނީ މިއީ ހަޤީގަތަށްވީމައެވެ.

No comments:

Post a Comment