15 October 2010

ޒުލް ކިފުލް (ޞައްލަ ﷲ އަލައިހި ވަސައްލަމް) 1

އިބުން އަބޫ މުޙައްމަދު


އެންމެހާ ޙަމްދު ޘަނާ ހައްޤުވެގެންވަނީ އެންމެހާ ޢާލަމްތައް އުފައްދަވައި އިންސީންނާއި ޖިންނީން މިބުމުގައި ލައްވައި އަދި އެބައިމީހުންގެ ތެރެއިން ރަސޫލުބޭކަލުން އެބައިމީހުނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވެވި ގަދަ ކީރިތިވަންތަ މާތް ﷲ އަށެވެ. އެންމެހާ ސަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ އާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވުނު އަހަރެމެންގެ ލޮބުވެތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމައަށެވެ.


ހަނދާނަށް އަންނަނީ ކޮއްކޮއާ އެއްކޮށް ހޭދަކޮއްލި ކުޑަ ވަގުތުކޮޅެއްގެ މަތީންނެވެ. ކޮއްކޮ އެވަގުތުގައި ކިޔައިދިން ވާހަކައަކެވެ. ހަޤީޤަތަކަށް ނުވީނަމަވެސް އެކަމަކު އިބުރަތްތެރި ވާހަކައެކެވެ. މި މައުޞޫ ހުޅުވާލުމުގެ ގޮތުން އެވާހަކަ ކިޔާލަދޭނަމެވެ. އެއީ:


އެއްދުވަހަކު މީހަކު ފަތިސްނަމާދަށްދާން ގެއިން ނުކުތެވެ. އޭނާގެ ގެ މިސްކިތާ ކޮންމެވެސް ވަރަކަށް ދުރެވެ. ފެންވަރާ ނަލަހެދިގެން މިސްކިތާ ދިމާލަށް ދާންނުކުތްއިރު ވަރަށް އަނދިރިއެވެ. މަގު އަލިކުރާނޭ އެއްވެސް އެއްޗަކާއިނުލާ ހިނގާފާ ދިޔަތަން އިބިލީސް ބަލަންހުރެ ވަކި ހިސާބަކަށް ދެވުމުން ހެދި ވަޑާމަކީ ތަންވަޅުބަލާ ޗަކަސްގަނޑަކަށް ވައްޓާލީއެވެ. އޭނާ ތެދުވެ އެނބުރި ގެއައްގޮސް ފެންވަރައިގެން އަނެއްކާވެސް ނަމާދަށް ނުކުތެވެ. މިތަން ބަލަން އިބިލީހަށް ނުހުރެވިގެން އަނެއްކާވެސް ޗަކަސްގަނޑަކަށް ވައްޓާލައިފިއެވެ. ނަމާދަށް ދިޔުމުން މަނާކުރެވޭތޯއެވެ.


އެހެނަސް އެފަހަރުވެސް ތެދުވެގެން ގޮސް އެނބުރި ފެންވަރައިގެން ނުކުތްތަނުން ހުދު ހެދުމެއްގައި މިސްކިތައްދާން އޮތްމަގު އަލިކުރާން މީހަކު ހުރީތީ ފެނުނެވެ. އެމީހާ ފަހަތުން އޭނާ ހިނގައިގޮސް މިސްކިތަށް އެރިއެވެ. އެހެނަސް އެ ހުދު ހެދުމުގައި ހުރި މީހާ މިސްކިތައް ނާރާ ދާތަން ފެނުމުން އޭނައަށް ގޮވާ މިސްކިތައް ނާރާ ދަނީ ކީއްވެތޯ އެއްސެވެ. އޭނާ ޖަވާބުގައި ބުންޏެވެ. އަހަންނަކީ އިބިލީހެވެ. އެމީހާ ހައިރާންވެގެން ބުންޏެވެ. އެހެންޏާ އަހަރެން މިސްކިތާ ހިސާބަށްގެނެސް ތިޔަހާ ހެޔޮ ކަމެއް ކޮއްދިނީ ކީއްވެހެއްޔެވެ؟ އިބިލީސް ރުޅިއައިސްފަ ބުންޏެވެ. އެއީ ހެވެއް ނޫނެވެ. ކަލޭ ފުރަތަމަ ފަހަރަށް ޗަކަގަނޑަށް ވައްޓާލުމުން ފެންވަރައިގެން އައުމުން މާތް ﷲ ކަލޭގެ ފާފަފުއްސެވިއެވެ. ދެވަނަ ފަހަރަށް ފެންވަރައިގެން ނުކުތުމުން ގޭމީހުންގެ ފާފަވެސް ފުއްސަވައިދެއްވިއެވެ. އެހެންކަމުން ތިންވަނަ ފަހަރަށް އެހެން ވެއްޖެޔާ އަވައްޓެރިންގެ ފާފަތައްވެސް ފުހެވިދާނެތީ ބިރުން ކަލެއަށް މަގުދެއްކީއެވެ.


ހަމަ އެފަދަ އެހެން ހާދިޘާއެކެވެ. މީހަކަ ފާރެއްދޮށުގައި ނިދާފައި އޮތެވެ. އޭނާ ކައިރީ ހުރި ފާރަކީ ވަރަށް ދުވަސްވީ ބަލިކަށިފާރެކެވެ. މިހެން އޮއްވާ އެފާރު ވެއްޓެން އުޅެފިއެވެ. މިތަން ބަލަން އިނދެފައި އިބިލީސް ދުވެގޮސް އެނިދާފައި އޮތް މީހާއަށް ގޮވާ ފާރުވެއްޓެނީއޭ ކިޔާ ދުރައްލައިފިއެވެ. އެމީހާ އުފަލުން ވަރަށް ޝުކުރު އަދާކކުރަން ފެށުމުން އިބިލީސް ބުންޏެވެ. މަމިކުރީ ހެޔޮ ކަމެއް ނޫނެވެ. އެފާރު ދޮށުގައި އޮވެ އެފާރު ކަލޭގައިމައްޗައް ވެއްޓިއްޖެޔާ ކަލޭ ޝަހީދަކަށް ވެދާނެތީ އެކަމުން ކަލޭ ދުރުކުރީއެވެ.


މިހާދިޘާތަކުން އަޅުގަނޑުމެން އެންމެނަށްވެސް ވަރަށް ރަނގަޅު އިބުރަތެއް ހާސިލްވެއެވެ. އެއީ އިބިލީހަކީ އަދި ޝައިތާނުންނަކީ އަޅުގަނޑުމެންގެ އަމަލުތައް އަބަދުވެސް ގޯސްމަގަށް އެޅުވުމަށާއި ހެވެއް ލިބިދާނެތީ އެކަމާ ހަސަދަވެރިވެ އެކަމަކުން ދުރުކުރުވުމަށް އަތްކުރި އޮޅައިލައިގެން އަބަދުމެހެން އަޅުގަނޑުމެންނާއި އެކީ ވާބައެއްކަމެވެ. މިއީ އަޅުގަނޑުމެން ވިސްނައި ތިބެންޖެހޭނެ ކަމެކެވެ. ޝައްކެއްވެސް ނެތެވެ. އިބީލިހަކީ އަހަރެމެންގެ އަދުއްވެކެވެ. މިގޮތުގައި އޭނާއާއިމެދު ނުދެކި ނުވިސްނާތިބެއްޖެނަމަ އަޅުގަނޑުމެން ހަމަ މަގުން އެއްކިބާ ކުރާނެކަމީވެސް ހަމަ ޔަގީން ކަމެކެވެ. މިގޮތުން މާތް ﷲ فاطر ސޫރަތުގައި ވަހީކުރައްވަނީ:


إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ (6)
"ހަމަކަށަވަރުން، ޝައިތާނާއީ، ތިޔަބައިމީހުންނަށްވާ ޢަދާވާތްތެރިއެކެވެ. ފަހެ، އެ ޝައިތާނާއީ، ޢަދާވާތްތެރިއަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ ޖަމާޢަތަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ އަހުލުވެރީންގެ ތެރެއިން ވުމަށެވެ."


ދަރުސެއްގައި އިނުމުން މިކަންކަން ހަނދާނަށް އާދެއެވެ. އެހެނަސް އަޅުގަނޑުމެން އެކަކު އަނެކަކަށް ހަނދުމަކޮއްދިނުމުން ދުރުވުމުގެ ސަބަބުން އާއްމު ދިރިއުޅުމުގައި ކަންކަން ކުރަމުންދާއިރު އެ އިބިލީހާއި އޭނާގެ ޖަމާއަތުގެ މީހުންގެ މަތިން ވިސްނާ ނުލެވޭކަމީ ގޯސްއަމަލުތައް ކުރެވުމުގެ ސަބަބެވެ. ކޮންމެ ވަގުތެއްގައިވެސް އަހަރެމެންގެ ސިނކުޑިއަށް ނުބައިވަސްވާހެއް ދީފާނެކަމަށް ވިސްނައި ހުރުން މުޙިއްމެވެ. ކަމެއް ކުރުމުގެ ކުރީން އެކަމުގައި ދީނުގައި އޮތްގޮތް ބެލުން ވަރަށް ބުއްދިވެރިއެވެ. އަދި އީމާންކަން ވަރުގަދަކުރުމާއި ޝައްކާއި ވަހުމުން ސަލާމަތްވުންނޫންގޮތެއް އަޅުގަނޑުމެންނަކަށް ނެތެވެ.
ދީނަށް ލޯބިކުރާ މީހަކުނަމަ ކުދިކުދި ކަންކަމާއިމެދު ސަމާލުވުން މުޙިއްމެވެ. އެއީ ޝައިތާނުން ހަމަ މަގުން ބޭރުކުރަށްޓަކައި ފުރަތަމަ ކުރުވާނީ ކުޑަކަމެކެވެ. ދެން އެފަދަ އަމަލުތައް ގިނަކުރުވާ އެމީހެއްގެ އީމާންކަން ބަލިކަށިކުރުވައެވެ.


މިގޮތުން މިތަނުގައި ކީރިތި ޤުރުއާނުގައި ނަންގަނެވިގެންވާ ބޭކަލެއްގެ ވާހަކަ ލިޔެލާނަމެވެ. އާދެ! އިބިލީހާއި އެބޭކަލަކާއިމެދު ހިނގި ހާދިޘާއެއްގެ ވާހަކައެވެ. މިވާހަކަ މިލިޔަނީ އިބުން ކަޘީރުގެ ގިސަސުލް އަންބިޔާއިގެ އިނގިރޭސި ތަރުޖަމާކަމަށްވާ ސްޓޯރީސް އޮފް ޕްރޮފެޓްސްގައި ވާގޮތައް އެބޭކަލެއްގެ ތަޢާރަފާއިވެސް އެއްކޮށެވެ. އެއީ އެއިން ކިޔާމީހަކަށް ފައިދާއެއް ކުރާނެކަމުގެ އުއްމީދުގައިއެވެ.


ސޫރަތުލް އަންބިޔާގައި މާތް ﷲ ރުއްސުންލެއްވި އައްޔޫބުގެފާނުގެ ވާހަކަޔަށްފަހު ވަހީކުރެއްވިއެވެ.
وَإِسْمَاعِيلَ وَإِدْرِيسَ وَذَا الْكِفْلِ كُلٌّ مِنَ الصَّابِرِينَ (85) وَأَدْخَلْنَاهُمْ فِي رَحْمَتِنَا إِنَّهُمْ مِنَ الصَّالِحِينَ (86)
"އަދި އިސްމާޢީލްގެފާނާއި، އިދުރީސްގެފާނާއި، ޒުލް-ކިފުލްގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކުވަނީ، ކެތްތެރިންގެ ތެރެއިންނެވެ. އަދި އެބޭކަލުން ތިމަންރަސްކަލާނގެ ރަޙުމަތުގެ ތެރެޔަށް ވެއްދީމެވެ. ހަމަކަށަވަރުން، އެބޭކަލުންވަނީ، ސާލިޙުންގެ ތެރެއިންނެވެ."


އަދިވެސް ޞާދު ސޫރަތުގައި އައްޔޫބުގެފާނުގެ ވާހަކަޔަށްފަހު ވަޙީކުރައްވާފައިވެއެވެ.
وَاذْكُرْ عِبَادَنَا إبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ أُولِي الْأَيْدِي وَالْأَبْصَارِ (45) إِنَّا أَخْلَصْنَاهُمْ بِخَالِصَةٍ ذِكْرَى الدَّارِ (46) وَإِنَّهُمْ عِنْدَنَا لَمِنَ الْمُصْطَفَيْنَ الْأَخْيَارِ (47) وَاذْكُرْ إِسْمَاعِيلَ وَالْيَسَعَ وَذَا الْكِفْلِ وَكُلٌّ مِنَ الْأَخْيَارِ (48)
"އަދި ތިމަންރަސްކަލާނގެ އަޅުން ކަމުގައިވާ އިބުރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔައުޤޫބުގެފާނު ހަނދުމަކުރައްވާށެވެ! (އެބާކަލުންނީ) ހެޔޮ ޢަމަލު ކުރެއްވުމަށް ބާރުގަދަ ބުއްދީގެ އަހުލުވެރިންނެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެބޭކަލުން ސާފު ޚަޞީލަތަކުން މާތްކުރައްވައި، ޚިޔާރުކުރެއްވީމެވެ. އެއީ އާޚިރަތް ހަނދުމަކުރެއްވުމެވެ. އަދި ހަމަކަށަވަރުން، އެބޭކަލުންވަނީ، ތިމަންރަސްކަލާނގެ ހަޟްރަތުގައި ޚިޔާރުކުރައްވާފައިވާ ހެޔޮލަފާ ބޭކަލުންގެ ތެރެއިންނެވެ. އަދި އިސްމާޢީލްގެފާނާއި، އަލް-ޔަސަޢުގެފާނާއި، ޒުލް-ކިފުލްގެފާނު ހަނދުމަކުރައްވާށެވެ! އެހުރިހާ ބޭކަލުންވަނީ ހެޔޮލަފާމީހުންގެ ތެރެއިންނެވެ."


މިގޮތައް ކީރިތި ޤުރުއާނުގައި އެކަލޭގެފާނުގެ ނަން އެހެން ރަސޫލު ބޭކަލުންގެ ނަންފުޅުތަކާއިއެކު ގެންނަވާފައިވުމުން ފެންނަނީ އެކަލޭގެފާނަކީވެސް ރަސޫލެއް ކަމަށެވެ. މާތް ﷲ އެ ހުރިހާ ބޭކަލުންނަށް ސަލާމްލައްވާ ފާނދޭވެ. މިއީ އެންމެ މަޝްހޫރުގޮތެވެ.

އެހެނަސް އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ ރަސޫލެއް ނޫންކަމަށެވެ. އެހެނަސް ސާލިހު، އަދުލުވެރި ވިސްނުންތެރިއެއް ބޭކަލެއްކަމަށެވެ.


މުޖާހިދުގެ ފަރާތުން އިބުން ޖަރީރުއާއި އަބޫ ނާޖިހު ރިވާކުރައްވާ ގޮތުގައި އެއީ ރަސޫލެއް ނޫނެވެ. އެހެނަސް އެއީ ހެޔޮލަފާ ސާލިހު ބޭކަލެކެވެ. އަދި އެގައުމުގެ މީހުންނަށް ﷲގެ މަގަށް މަގުދެއްކުމަށާއި އެމީހުންގެ މެދުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ޒިންމާ ނެންގެވި ބޭކަލެއްކަމަށެވެ. ޒުލް ކިފުލް، ޒިންމާދާރު މީހާއޭ ކިޔުނީ މިސަބަބަށްޓަކައެވެ.


މުޖާހިދުގެ ފަރާތުން އިބުން ޖަރީރުއާއި އިބުން އަބޫ ޙާތިމް ރިވާކުރެއްވިއެވެ:
ސަލާމްލެއްވި އަލް ޔަސްޢަ ބޮޑުވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުގެ ހަޔާތުގައި ތިމަންކަލޭގެފާނުގެ ގައުމުގެ މީހުން ބަލަހައްޓާނޭ މީހަކު އައްޔަންކުރަން ތިމަންކަލޭގެފާނު ބޭނުވަމެވެ. އެއީ އެމީހަކު އެހަވާލުވާ މަސައްކަތް ފުރިހަމަ ކުރާގޮތް ބެއްލެވުމަށްޓަކައެވެ." މިހެންކަމުން އެކަލޭގެފާނުގެ ގައުމުގެ މީހުން އެއްކުރައްވައި އެކަލޭގެފާނު ދެންނެވިއެވެ. "ތިމަންކަލޭގެފާނުންގެ ކިބައިން ތިން ކަމެއް ފުރިހަމަ ކުރި މީހަކު، ތިމަންކަލޭގެފަނު އެކަމަށް އައްޔަން ކުރައްވާނަމެވެ. އެ ތިންކަމަކީ: އެމީހަކު ދުވާލުގައި ރޯދަ ހިފަންވާނެއެވެ. އަދި ރޭގަނޑުގައި ރޭ އަޅުކަންކުރަންވާނެއެވެ. އަދި ދުވަހަކުވެސް ރުޅިއައިސްގެން ނުވާނެއެވެ."


މިހެން ވިދާޅުވުމުން އެމީހުންގެ ތެރެއިން ބޭކަލަކު ތެދުވެ ދެންނެވިއެވެ. "އަޅުގަނޑު ތިޔަ ކަންތައްތައް ކުރަމެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. "ކަލޭ ހުރިހާ ދުވަހަކު ރޯދަ ހިފައި، ރޭގަނޑު ރޭ އަޅުކަންކޮށް، ރުޅި ނާންނަން ހެއްޔެވެ؟" އެބޭކަލަކު ޖަވާބުގައި ދެންނެވިއެވެ. "އާދޭހެވެ!" އެހެނަސް އެދުވަހު އެކަލޭގެފާނު އެބޭކަލަކަށް ފުރަގަސްދެއްވައިއެވެ. ޖެހިގެން އައި ދުވަހުވެސް އެގޮތައް އެކަލޭގެފާނު ކަންތައްކުރެއްވިއެވެ. އަދި އެ ގައުމުގެ އެންމެން މަޑުން ތިއްބެވެ، ކުރީ ދުވަހު ތެދުވި ބޭކަލު ފިޔަވައެވެ. އެބޭކަލަކު އެފަހަރުވެސް ދެންނެވިއެވެ. "އަޅުގަނޑު ތިޔަ ކަންތައްތައް ކުރަމެވެ." ދެން އެކަލޭގެފާނު އެބޭކަލަކު ހަލީފާއެއްކަމުގައި ހަމަޖެއްސެވިއެވެ.


މިހެން މިކަން ވުމުން އިބިލީސް ޝައިތާނުންކައިރީ ބުންޏެވެ...

1 comment:

  1. Beautiful article.. please keep blogging. We need more muslim bloggers

    ReplyDelete