16 October 2010

ޒުލް ކިފުލް (ސައްލަ ﷲ އަލައިހި ވަސައްލަމް) 2

އިބުން އަބޫ މުޙައްމަދު



މިހެން މިކަން ވުމުން އިބިލީސް ޝައިތާނުންކައިރީ ބުންޏެވެ. "އެމީހާ ފަހަތުން ކަލޭމެން ދާށެވެ!" ނަމަވެސް ޝައިތާނުންނަށް އެބޭކަލަކު ހެޔޮ މަގުން އެއްކިބާކުރުމަށާއި އަނިޔާވެރިކުރުވުމަށް ނުކުޅެދުނެވެ. މިހެންވުމުން އިބިލީސް ޝައިތާނުންނަށް ބުންޏެވެ. "އޭނާ އަހަންނަށް ދޫކޮށްލާށެވެ."


ދެން އިބިލީސް އެކަލޭގެފާނުގެ ކައިރިޔަށް މުސްކުޅި ފަގީރެއްގެ ސިފައިގައި މެންދުރުފަހު ނިދާ ވަގުތުގައި އައެވެ. އެކަލޭގެފާނު އެވަގުތުގައި ނޫނީ މުޅި ދުވަހުވެސް އަވަހާރަފުޅު ނުލައްޕަވައެވެ. އިބިލީސް އައިސް ދޮށުގައި ޓަކިދިނެވެ. އެކަލޭގެފާނު އެއްސެވެ. "ކާކުހެއްޔެވެ؟" އިބިލީސް ބުންޏެވެ. "ހައްޤުގެއްލިފައިވާ މުސްކުޅި ފަގީރެކެވެ." މިހެން ބުނުމުން އެމީހާއަށްޓަކައި ދޮރު ހުޅުވިއެވެ. ދެން އިބިލީސް އެބޭކަލަކަށް ވާހަކައެއް ކިޔައިދޭން ފެށިއެވެ. "އަހަންނާއި އަހަރެންގެ މީހުންނާއި މެދުގައި ހަސަދަވެރިކަމެއްވެއެވެ. އަދި އެބައިމީހުން އަހަންނަށް ހުރިހާ ގޮތަކުންވެސް އަނިޔާވެރިވެއްޖެއެވެ." މިގޮތުގެ މަތީން އޭނާ އެނާގެ ވާހަކަ ދިގުކުރަމުންގޮސް ނިދާވަގުތު ފަހަނައަޅައިގޮސް އަސުރުވަގުތު ޖެހިއްޖައުމައްދާންދެން ހުއްޓެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. "އަސުރުފަހުން އެމީހުންގެ ކިބައިން ކަލޭގެ ހައްޤު ހޯދައިދޭނަމެވެ."


އެއައްފަހު ކޯޓަށް ވަޑައިގެން އެމުސްކުޅި މީހާ ފެނޭތޯ ވަށައިގެން ބައްލަވައި އެމުސްކުޅިޔާ އެހިސާބަކުން ފެނިވަޑައިނުގަތެވެ. އޭގެ އަނެއްދުވަހު ހެނދުނު މީސްތަކުންގެ މެދުގައި އިންސާފުކުރައްވަމުން ގެންދެވި އިރު އެމުސްކުޅި މީހާޔަށް އެކަލޭގެފާނު މަޑުކުރިއެވެ. އެހެނަސް އެމީހާއެއް ނައެވެ. މިހެން ހުރެ މެންދުރުގެ ނިދާވަގުތު އައުމުން ގެޔައް ވަޑައިގެން އަވަހާރަފުޅުލައްޕަވަން އުޅުއްވަނިކޮށް އެމުސްކުޅިމީހާ އައިސް ދޮރުގައި ޓަކިދީފިއެވެ. އެކަލޭގެފާނު ކާކުތޯއެއްސެވުމުން އެމުސްކުޅިޔާ ބުންޏެވެ. "ހައްޤުގެއްލިފައިވާ މުސްކުޅިޔާއެވެ." އެކަލޭގެފާނު އެމުސްކުޅިމީހާއަށް ދޮރު ހުޅުއްވައިދިނުމައްފަހު ސުވާލުކުރެއްވިއެވެ. "އަހަރެން ކޯޓަށް ދިއުމުން އަހަރެންގާތަށް އައުމަށް ނުބުނަންހެއްޔެވެ؟" މުސްކުޅިމީހާ ބުންޏެވެ. "އަހަރެންގެ މީހުންނަކީ މީސްތަކުންގެ ތެރެއިން އެންމެ ނުބައިމީހުންނެވެ. އެމީހުނަށް ކަލޭގެފާނު ކޯޓުގައި އިންނެވިކަން އެނގުނުހިނދު އަހަންނަށް ބުންޏެވެ: އަހަރެމެން ކަލެއަށް ކަލޭގެ ހައްޤު ދޭހުށީމެވެ. އެކަމަކު ކަލޭގެފާނު ހަމަ ކޯޓުން ދިއުމުން އެމީހުން އަހަންނަށް ހައްޤު ދިނުމާއި އިދިކޮޅުހެދިއެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. "ދެން ކަލޭ ދާށެވެ. އަހަރެން ކޯޓަށް ދިޔުމުން އަހަރެން ކައިރިޔަށް ކަލޭ އަންނާށެވެ."


މިގޮތުން އެދުވަހުވެސް އެގަޑީގައި އެކަލޭގެފާނު އަވަހާރަފުޅުލެއްޕެވިޔަ ނުދީ ހިފެހެއްޓިއެވެ. އެކަލޭގެފާނު ކޯޓަށްގޮސް އެމުސްކުޅިމީހާއަށް މަޑުކޮއްގެން ހުންނެވިއެވެ. އެހެނަސް އެފަހަރުވެސް އެމީހާއެއް ނައެވެ. މިގޮތުން އޭގެ އަނެއްދުވަހު އެކަލޭގެފާނު ނިދިއައިސް ލޯވަރިބަލިވުމުން ގޭމީހެއްކައިރީ އެއްވެސް މީހަކު ދޮރުކައިރިޔަށް އަޔަ ނުދިނުމަށް އަމުރުކުރެއްވިއެވެ. އެގޮތުން އަވަހާރަފުޅު ލެއްޕެވުމުގެ ބޭނުމުގައެވެ.


އެހެނަސް އެމުސްކުޅިމީހާ އޭނާގެ އާއްމު ގަޑީގައި އައެވެ. ދޮރުކައިރީ ބަލަހައްޓަން ހުރިމީހާ ބުންޏެވެ. "އެނބުރިދާށެވެ! އެނބުރި ދާށެވެ!" އެމުސްކުޅިޔާ ބުންޏެވެ. "އަހަރެން އޭނާކައިރިޔައް އިއްޔެ އައިސް އަހަރެންގެ ބޭނުންވާނީ ބުނެދީފައެވެ." އެހެނަސް ދޮރުކައިރީ ހުރި މީހާ އެއްވެސް މީހަކު އެތެރެޔައްދިޔުމުގެ ހުއްދަ ނުދިނުމަށް އަންގާފައިވާކަމުން އެމުސްކުޅިޔާ އެތެރެޔަށް ވަނަ ނުދޭނެކަމަށް ބުންޏެވެ. ދެން އެމުސްކުޅިޔާ އެކަމާ ކަންތައްބޮޑުވެ ފާރުމަތިން އެގޭތެރެޔަށްވަނެވެ. ދެން އެމުސްކުޅިޔާ އެތެރެއިން ދޮރުގައި ޓަކިދިނެވެ. އެވަގުތު އެކަލޭގެފާނު ނިދިން ތެދުވެ ދޮރުވާނަށް ވިދާޅުވިއެވެ. "ގެޔަށް އެއްވެސް މީހަކު ނުވެއްދުމަށް ނުބުނަންހެއްޔެވެ؟" ދޮރުވާނު ބުންޏެވެ. "އެމީހަކު ވަނީ އަހަރެން މިހުރި ދިމާލަކުން ނޫނެވެ. އޭނަގާތު ވަން ދިމާލެއް އައްސަވާބައްލަވާށެވެ؟" އެވަގުތު އެކަލޭގެފާނު ތެދުވެ ދޮރާދިމާލަށް ބައްލަވާލެއްވިއެވެ. އަދި އެދޮރު ލެއްޕިފައިވަނިކޮށް ފެނިވަޑައިގަތެވެ. އަދި މުސްކުޅިމީހާ އެތެރޭގައި ހުއްޓާވެސް ފެނިވަޑައިގަތެވެ. ދެން އެކަލޭގެފާނަށް އެމުސްކުޅިމީހާއަކީ ކާކުކަން އެނގިވަޑައިގަތެވެ. އަދި އެއްސެވިއެވެ. "ކަލޭތީ ﷲ ގެ އަދުއްވުހެއްޔެވެ؟" އެމުސްކުޅިޔާ ބުންޏެވެ. "އާއެކެވެ! ކަލޭ އަހަރެންގެ ހުރިހާ މަސައްކަތެއް ބޭކާރުކޮއްލިއެވެ. އަހަރެންމިކުރި ކަމެއް މިކުރީ އެހެންވެގެން ކަލޭ ރުޅިއެރުވުމުގެ ބޭނުމުގައެވެ."


މާތް ﷲ އެކަލޭގެފާނަށް ޒުލް-ކިފުލް އޭ ވަޙީކުރެއްވިއެވެ. އެއީ، އެކަލޭގެފާނު ކަމެއްކުރުމުގެ ޒިންމާ އަމިއްލައަށް ނަންގަވައި އެކަން ފުރިހަމަ ކުރެއްވީތީއެވެ.


އަބޫ މޫސާ އަލް-އަޝަރީ މެންބަރުގައި ހުންނަވައި ވިދާޅުވިއެވެ. "ޒުލް-ކިފުލްއަކީ ރަސޫލެއް ނޫނެވެ. އެހެނަސް އޭރު ކޮންމެ ދުވަހަކު ސަތޭކަ ނަމާދުކުރާ ހެޔޮލަފާ ސާލިހު އަޅަކު އުޅުނެވެ. އެބޭކަލަކު އަވަހާރަވުމަށްފަހު އެކަލޭގެފާނު (ޒުލް-ކިފުލް) ކޮންމެދުވަހަކު ސަތޭކަ ނަމާދުކުރުމުގެ ޒިންމާ ނެންގެވިއެވެ. އެހެންކަމުން އެކަލޭގެފާނަށް ޒުލް-ކިފުލްއޭ ކިޔުނެވެ.


މިވާހަކައިންވެސް އެނގިގެންދަނީ އިބިލީސް މީހުން ހެޔޮމަގުން ކައްސަން ކިތަންމެ މޮޅުކަމުގައިވީނަމަވެސް، އަޤީދާގައި ޘާބިތު މީހުންނެއް މަގު ގެއްލިގެނެއް ނުދާނެކަމެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެންނަށްވެސް ހެޔޮލަފާ ޞާލިހު އަޅުންގެ މަގުން ހިނގުމުގެ ތައުފީޤުދެއްވައި ޝައިތާނާގެ މަކަރުވެރި ރޭވުންތަކުން ސަލާމަތްވެ ތިބުމުގެ ހެޔޮ ނަސީބު ދެއްވުމެވެ. އާމީން!

1 comment:

  1. ماشاء الله

    ވަރަށް ރަނގަޅު ލިޔތުމެކެވެ


    جزاكم الله خيرا

    މީމު އަލިފު

    ReplyDelete